Last Updated: May 13, 11:39
Tuesday, May 13, 2025
ޚަބަރު

މަސްވެރިންނަށް ޑޮލަރުން ފައިސާ ދޭން ވައުދެއް ނުވޭ

މިނިސްޓަރު އަހުމަދު ޝިޔާމް- ފޮޓޯ: ރައީސް އޮފީސް

މަސްވެރިންނަށް ޑޮލަރުން ފައިސާ ދިނުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވައުދުވެވަޑައިގެންފައި ނުވާ ކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.
އާންމުންގެ ސުވާލުތަކަށް ޖަވާބުދޭން ސަރުކާރުން ބާއްވާ 'އަހާ' ފޯރަމްގައި ވާހަކަ ދައްކަވަމުން ޝިޔާމް ވިދާޅުވީ ޑޮލަރުން މަސްވެރިންނަށް ފައިސާ ދޭ ވާހަކައަކީ ރަނގަޅު ވާހަކައެއް ނޫން ކަމަށާއި ރައީސް މުއިއްޒު ކެމްޕޭނު ތެރޭގައި ވެސް އެފަދަ މޭރުމަކުން ވިދާޅުވެފައި ނުވާނެ ކަމަށެވެ.

"ރައީސުލްޖުމްހޫރިއްޔާ އެފަދަ މޭރުމަކުން ވިދާޅެއް ނުވޭ ކެމްޕޭންގައި ވެސް. އަޅުގަނޑު މިއީ ކެމްޕޭންގައި ވަރަށް އެކްޓިވްކޮށް އުޅުނު މީހަކަށް ވާތީއާ ވެސް އެކު. އެ މަނިކުފާނުގެ މެނިފެސްޓޯ ވެސް އޮންނާނެ،" ޝިޔާމް ވިދާޅުވި އެވެ.

ޝިޔާމް ވިދާޅުވީ ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވި އިރު، މަހުގެ އަގު ހުރީ ދައުލަތަށް ކެތްވާ ވަރަކަށް ނޫން ކަމަށާއި މަހުގެ އަގު ހުރީ މަސްކިލޯއެއް 23 ރުފިޔާއަށް ކަމަށެވެ. އަދި އެއީ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރާއި ދެވަނަ ބުރާ ދޭތެރޭގައި ކުރީގެ ސަރުކާރުން ގެނައި ބަދަލެއް ކަމަށް ޝިޔާމް ވިދާޅުވި އެވެ.

"ސެޕްޓެމްބަރު 16 ވަނަ ދުވަހު މަަހުގެ އަގަށް މި ގެނައި ބަދަލަކީ، އޭރު އޮތް 17 ރުފިޔާއަށް އޮތް އޮތުން 23 ރުފިޔާއަށް ބަދަލު މިކުރީ. 23 ރުފިޔާއަށް ރިޔާސީ އިންތިހާބުގެ ދެ ބުރުގެ ދޭތެރޭ ބަދަލުކުރެއްވި ކުރެއްވުމުގައި އެއްވެސް ކަހަލަ އިހުލާސްތެރިކަމެއް އޮތްތޯ ނެތްތޯ ވެސް، މި ސުވާލު ވެސް އުފައްދާނެ. ޔަގީނުން ވެސް އަޅުގަނޑުމެންނަކަށް ނުފެނޭ، އަދި މަސްވެރިންނަކަށް ވެސް ނުފެނޭ އެކަމުގައި އެއްވެސް އިހުލާސްތެރި ނިޔަތެއް އޮތްތަނެއް އެގޮތަށް ބަދަލުކުރި ކުރުމުގައި،" ޝިޔާމް ވިދާޅުވި އެވެ.

މަހުގެ އަގު 23 ރުފިޔާއަށް ބަދަލުކުރުމަށްފަހު، އެ ހިސާބުން ފެށިގެން 17 ނޮވެމްބަރު 2023 ގައި ވެރިކަން ނިމިގެންދިޔަ އިރުވެސް މަސްވެރިންނަށް ފައިސާ ދެވިފައި ނުވާ ކަމަށާއި ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވި އިރު، މަސްވެރިންނަށް ދޭންޖެހޭ 250 މިލިއަން ރުފިޔާގެ ބެކްލޮގެއް އޮތް ކަމަށް ޝިޔާމް ވިދާޅުވި އެވެ. އަދި މިފްކޯއިން 23 ރުފިޔާއަށް މަސް ގަންނަ އިރު، ސަރުކާރުން 13 ރުފިޔާއަށް ވުރެ ބޮޑު އަދަދެއް ސަބްސިޑީގެ ގޮތުގައި ދޭން ޖެހޭ ކަމަށް ވިދާޅުވި އެވެ.

"މަސްވެރިން ވެސް ގަބޫލުކުރޭ އެ އަގު ނުދެވޭނެކަން. އޭގެ ނަތީޖާއަކަށް ވެގެންދިޔައީ މަސްވެރިން ހަގީގަތުގައި ނިކަމެތިވެގެން ދިޔައީ. ކުރީ ސަރުކާރަކަށް އެ ފައިސާއެއް ނުދެވުނު،" މިނިސްޓަރު ވިދާޅުވި އެވެ.

ޝިޔާމް ވިދާޅުވީ މަސްވެރިންނަށް ދެވޭނެ އަގަކަށް މަހުގެ އަގު ގެނައުމަށް ކުރި މަސައްކަތުގެ ދަށުން، މިދިޔަ ޖޫން މަހު، މަހުގެ އަގު ކަނޑައެޅީ ބޭރުގެ މާކެޓުތަކަށް ރިއާޔަތްކޮށް ކަމަށާއި މިހާރު މަސްވެރިންނަށް ބަރާބަރަށް ފައިސާދެވޭ ކަމަށެވެ. އަދި މަސްވެރިން އަތުން 20 ރުފިޔާއަށްވުރެ ދަށް ނޫން އަގެއްގައި މަސް ގަންނާނެ ކަމަށް ރައީސް ވިދާޅުވެފައިވާ ކަމަށާއި އެކަމަށް ކުރަންޖެހޭ މަސައްކަތްތައް މިހާރު ކުރަމުން އަންނަ ކަމަށް ވެސް ޝިޔާމް ވިދާޅުވި އެވެ.