Last Updated: June 8, 15:03
Monday, June 8, 2026
ޚަބަރު

ބްރޯޑްކޮމަށް ޒީނާ އައްޔަން ކުރަނީ

މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަންގެ މެންބަރު ކަމަށް ކުރިން ވެސް މެމްބަރުކަންކޮށްފައިވާ ޒީނާ ޒާހިރު އައްޔަން ކުރަން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ފާސްކޮށްފި އެވެ.

ބްރޯޑްކޮމްގެ މެންބަރެއްގެ ދައުރު ހަމަވާތީ، ކުރިމަތިލާން ހުޅުވައިލުމުން ކުރިމަތިލި 10 މީހެއްގެ ނަން ރައީސް ޑރ. މުހައްމަދު މުއިއްޒު އިއްޔެ މަޖިލީހަށް ފޮނުއްވުމުން އެ ނަންތައް ދިރާސާކުރަން ކޮމިޠީ އަށް ފޮނުވި އެވެ. އެގޮތުން އިއްޔެ ފާސްކުރީ ޒީނާ އައްޔަން ކުރުމަށެވެ.

އެންމަ މަތިން މާކްސް ވެސް ލިބުނީ ޒީނާއަށެވެ. އެއީ 85 ޕަސެންޓެވެ.

އޭނަ އަކީ މި ސަރުކާރުން ދައުލަތުގެ މީޑިއާ، ޕީއެސްއެމަށް އައްޔަންކުރި ފުރަތަމަ މެނޭޖިން ޑިރެކްޓަރެވެ. ނަމަވެސް އެ މަގާމުން ޒީނާ ވަނީ މިދިޔަ އަހަރުގެ އޮގަސްޓް މަހު އިސްތިއުފާ ދެއްވައިފަ އެވެ.

ބްރޯޑްކޮމްގެ މެންބަރުކަން ޒީނާ ކުރިން ކުރެއްވީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ވެރިކަމުގަ އެވެ. އަދި އޭނަ 2020 ގައި އިސްތިއުފާ ދެއްވައިފަ އެވެ. ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން ޒީނާ މާސްޓާޒް ހާސިލްކުރައްވާފައިވެ އެވެ.

ބްރޯޑްކޮމަށް ކުރިމަތިލި 10 މީހުންގެ ތެރެއިން 75 ޕަސެންޓަށް ވުރެ މަތިން މާކްސް ލިބިފައިވަނީ ފަސް ބޭފުޅަކަށެވެ.

* ޒީނާ ޒާހިރު: 85 ޕަސެންޓް
* އާއިޝަތު ޝިޔާނާ: 83 ޕަސެންޓް
* ޝިމްލާ އަހުމަދު: 82 ޕަސެންޓް
* މޫސާ ރިލްވާން: 81 ޕަސެންޓް
* ޒަމްއަތު އަހުމަދު ވަހީދު: 77 ޕަސެންޠް

ބްރޯޑްކޮމަށް އާ މެންބަރަކު އައްޔަން ކުރަނީ މިހާރު ތިއްބެވި މެންބަރުންގެ ތެރޭގައި ހިމެނޭ އައިމިނަތު އަމީނާގެ ދައުރު އަންނަ މަހުގެ 14 އާ ހަމައަށްވާތީ އެވެ.