Last Updated: May 14, 10:32
Wednesday, May 14, 2025
ޚަބަރު

މީދޫގެ މަގުތަކަށް ދޫކޮށްލާފައި ހުރި ތަކެތި ނަގަން މުހުލަތެއް

މީދޫގެ މުނިސިޕަލް މުވައްޒަފުންތަކެއް މަގެއް ސާފު ކުރަނީ. ފޮޓޯ. މީދޫ އަވަށު އޮފީސް

އައްޑޫ މީދޫގެ މަގުތައް މަތީގައި ގަވާއިދާ ހިލާފަށް ބަހައްޓާފައިވާ ތަކެތި ނަގަން ކައުންސިލުން މުހުލަތެއް ދީފި އެވެ.

މީދޫ އަވަށު އޮފީހުން މިއަދު ނެރުނު އިއުލާންގައި ބުނީ އެ އަވަށުގައި ހިންގާ ގަރާޖްތަކުގެ ކުރިމަތިން މަގުމަތީގައި ވެހިކަލްތައް ޤަވާޢިދާ ޚިލާފަށް ބަހައްޓާފައި ހުންނަކަން އޮފީހަށް ފާހަގަވެފައިވާ ކަމަށެވެ. އަދި ޖޯލިފައްޗާއި، ގަލާއި، ވެއްޔާއި، ކުނި ފަދަ ތަކެތި ވެސް ޤަވާއިދާ ޚިލާފަށް މަގުމަތީގައި ބަހައްޓާފައި ހުންނަ ކަމަށް އަވަށު އޮފީހުން ބުންޏެވެ.

އޮފީހުން ބުނީ އެގޮތަށް މަގުމައްޗަށް ވެހިކަލާއި ތަކެތި ދޫކޮށްފައި ބެހެއްޓުމަކީ މަގު ބޭނުންކުރާ ފަރާތްތަކަށް ދަތިތަކާއި ދިމާވުމުގެ އިތުރުން ނުރައްކާތެރި އެކްސިޑެންޓްތަކަށް ވެސް މަގުފަހިވާ ކަމެއް ކަމަށެވެ.

އެހެންވެ ގިނަ ދުވަސްތަކެއް ވަންދެން މަގު މަތީގައި ބަހައްޓާފައިވާ ބައު އުޅަނދުތަކާއި، މަގު މައްޗަށް ދަތިވާ ގޮތަށް ބަހައްޓާފައިވާ ތަކެތި މިއަދުން ފެށިގެން 07 ދަވަހުގެ ތެރޭގައި ނެގުމަށް އަންގާފައިވެ އެވެ. އަވަށު އޮފީހުން ބުނީ އެމުއްދަތުގެ ތެރޭގައި ތަކެތި ނުނަގައިފި ނަމަ "ޢާންމު ތަންތަނާއި މަގުމައްޗާއި ފަޅުތެރެއަށް ދުކޮށްފައިވާ ތަކެތި ނެގުމާއިބެހޭ ޤަވާޢިދު" ގައިވާ ގޮތުގެ މަތިން އެ ތަކެއްޗަކީ ދޫކޮށްފައިވާ ތަކެތި ކަމަށް ކަނޑައަޅައި ފުލުހުންގެ އެހީތެރިކަމާ އެކު، ތަކެތި ނަގާނެ ކަމަށެވެ.

އަދި ތަކެތި ނެގުމުގައި ލިބިދާނެ ގެއްލުމަކަށް އަވަށު އޮފީހުން ޒިންމާ ނުވާނެ ކަމަށް ވެސް ބުންޏެވެ. އަވަށު އޮފީހުން ބުނީ ނަގާ ތަކެތި ވަގުތީ ގޮތުން ގެންދެވޭ ޞަރަޙައްދުން 30 ދުވަހުގެ ތެރޭގައި ވެރި ފަރާތްތަކުން ނުގެންގޮސްފި ނަމަ ތަކެތި ނައްތައިލެވޭނެ ކަމަށެވެ.