ސްމާޓްފޯނު އުފައްދާ ކުންފުނިތަކުގެ ތެރޭގައި އަބަދު ވެސް ވަރަށް ބޮޑު ވާދަވެރިކަމެއް އޮވެ އެވެ. އެގޮތުން އެއް ބަޔަކަށް ވުރެ އަނެއް ބައެެއްގެ ފޯނު މޮޅުކޮށް، މަގުބޫލު ކުރުމަކީ އެންމެ ބޮޑު އެއް މޮޓޯ އެވެ. މި ވާދަވެެރިކަމުގެ ތެރެއިން ސްމާޓްފޯނު ވީހާ ވެސް ތުނިކޮށް، އުފައްދައި، ގެންގުޅޭ މީހުންނަށް ބޮޑު ލުއެއް ދިނުމަކީ އަބަދު ވެސް ކުންފުނިތަކުން ވަރަށް ބޮޑަށް އިސްކަމެއްދޭ ކަމެކެވެ.
އެގޮތުން މިހާރު ދެކުނު ކޮރެއާގެ މަޝްހޫރު ކުންފުނި، ސެމްސަންގުން މި ވަނީ އެންމެ ތުނި ފޯނު ރޭ ދައްކާލައިފަ އެވެ. މި މަހުގެ 23 ގައި މި ފޯނު ވިއްކަން ވެސް ފަށާނެ އެވެ. އެއީ ބޯމިނުގައި 5.6 މިލިމީޓަރު ހުރި "ގެލެކްސީ އެސް25 އެޖް" އެވެ. ސްކްރީންގައި 6.7 އިންޗި ހުންނަ މި ފޯނުގެ އަގަކީ 1،099 ޑޮލަރެވެ.
އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ގެ ގިނަ ފީޗާތަކެއް ވެސް އެކުލެވޭ ފޯނާ ގުޅޭ ގޮތުން ސެމްސަންގުން ބުނީ މިއީ މިހާރުގެ ޒުވާން ޖީލު ގަޔާވާ ގޮތަށް ބަލައިގެން އުފައްދާފައިވާ ފޯނެއް ކަމަށެވެ. ނަމަވެސް އެ ކުންފުނިން ދޭ ކަމަކީ "އެސް25 އެޖް" ކިތަންމެ ތުނިވިޔަސް، މީގެ ކުރިން ނެރެފައިވާ ތުނި ފޯނުތަކުން ދިމާވާ އާންމު މައްސަލަތައް އާ ފޯނުން ދިމާނުވާނެކަމުގެ ޔަގިންކަމެވެ.
"އެގޮތުން ފޯނު އަަވަހަށް ހޫމުވުމާއި ފޯނުގެ މަސައްކަތް ލަސްވުން ފަދަ އެއްވެސް ކަމެއް މި ފޯނަކުން ތަޖުރިބާކުރާކަށް ނުޖެހޭނެ." ސެމްސަންގް އިލެކްޓްރޯނިކްސްގެ ވައިސް ޕްރެޒިޑެންޓް މޫން ސަންގް؛ހޫން ވިދާޅުވި އެވެ.
"އެސް25 އެޖް" ތިން ކުލައަކުން ލިބޭނެ އެވެ. އެއީ ޓައިޓޭނިއަމް ޖެޓްބްލެކާއި ޓައިޓޭނިއަމް އައިސްބްލޫގެ އިތުރުން ޓައިޓޭނިއަމް ސިލްވާ އެވެ.