Last Updated: May 13, 23:15
Tuesday, May 13, 2025
ޚަބަރު

ފުލުހުންގެ އަގު ވެއްޓުމުގެ އެއް ސަބަބަކީ ޑިމޮކްރަސީ

ފުލުހުންގެ އިދާރާގެ އަގު ވެއްޓެން ދިމާވެ ފުލުހުންނަށް އޮންނަ އިތުބާރު ކުޑަވާން ފެށީ ރާއްޖެއަށް ޑިމޮކްރަސީ އައި ހިސާބުން ކަމަށް ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެ އެވެ.

ރޭ ބޭއްވި "އަހާ" ފޯރަމްގައި އޭނަ ވިދާޅުވީ ދިވެހި ފުލުހުންނަކީ ދައުލަތުގެ ބަޖެޓުގެ އެންމެ ބޮޑު ހޭދައެއްކޮށްގެން ހިންގާ މުއައްސަސާ ކަމަށެވެ.

"އެކަމަކު] އަޅުގަނޑުމެން ރާއްޖެއަށް ޑިމޮކްރަސީގެ ތެރެއިން މި އައި ބޮޑު ބަދަލުގެ ތެރޭގައި އޭގެ އެއް ކޮސްޓަކީ އިންސްޓިޓިއުޝަންސްތަކުގެ އަގު ނުވަތަ އިންސްޓިޓިއުޝަންސްގެ ކަރާމާތް ނަގައިލުން،' އިހުސާން ވިދާޅުވި އެވެ. "ސިޔާސީ ބޭނުމަކަށްޓަކައި ކޮންމެ ބަޔަކުވެސް، އިދިކޮޅުގައި ތިބޭ އިރުގައި ފުލުހުންނާ މި ދިމާކުރަނީ."

އޭނަ ވިދާޅުވީ އިދިކޮޅުގައި ތިބެގެން ފުލުހުންގެ އަގުވައްޓާލުމަށް ފަހު ވެރިކަމާ ހިސާބަށް އާދެވޭ ދުވަހު ފުލުހުން ބަރާބަރު ވާނެ ކަމަށެވެ. އެގޮތުން ފުލުހުން ދެން ރަނގަޅުކުރަން ޖެހޭ އެއްވެސް ކަމެއް ނޯންނަ ކަމަށާއި އެހެން ހަދަމުން ގޮސް، ފުލުހުންގެ އިދާރާގެ އަގުވެއްޓުމުގެ ދެބައިކުޅަ އެއްބައި އޮތީ ގޮސްފައި ކަމަށް ވިދާޅުވިއެވެ.

"އަޅުގަނޑު ކޯޝަން ކުރަން ބޭނުން، އަބަދުވެސް ސިޔާސީ ފަރާތްތަކުން އިދިކޮޅަށް ގޮސް ފުލުހުންގެ މުއައްސަސާއަށް މި ތޮޅޭތޮޅުން އެބަޖެހޭ ހުއްޓާލަން. އަޅުގަނޑުމެންގެ ތުއްތުކުދިންނަށް އެބަޖެހޭ އެނޫން މަންޒަރުތަކެއް ފެންނަން. އަޅުގަނޑުމެންގެ ލޯ އެންފޯސްމަންޓް އެޖެންސީތަކަކީ ގާނޫނު އެންމެންނަށްޓަކައި ނަގަހައްޓާ ބައެއްކަން އެބަޖެހޭ ގަބޫލުކުރަން،" މިނިސްޓަރު ވިދާޅުވި އެވެ. "ސިޔާސީ ވާދަވެރިކަން އޮންނަން ވާނެ. ސިޔާސީގޮތުން ދެބަސްވެސް ވާންވާނެ، އެހެން ނަމަވެސް މީގެ ތެރެއަށް ދައުލަތުގެ މުހިންމު މުއައްސަސާތައް ނުވައްދަންވީ."

އިހުސާން ވިދާޅުވީ ފުލުހުންގެ އިދާރާ ތެރޭގައި ޕްރޮފެޝަނަލްކޮށް ދޭން ޖެހޭ ބައެއް ހިދުމަތްތައް ނުދެވޭތީ ވެސް އަގުވެއްޓުމުގެ ކަންކަމާ ދިމާވާ ކަމަށެވެ. އަދި ސަރުކާރު ހަވާލުވިއިރު ތަމްރީނު ނުހަދައި ހާހައެެއްހާ ފުލުހުން ތިބި ނަމަވެސް، މިހާރު އެ އަދަދު 300 އަށް ދަށްކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.

"ދެވަނަ ކަމަކީ ހާއްސަ ގޮތެއްގައި ފުލުހުން ދެމުންގެންދާ ހިދުމަތް އަވަސްވުން. ތަހުގީގުތައް އަވަސްވުން،" މިނިސްޓަރު ވިދާޅުވި އެވެ. "ފުލުހުންގެ މުއައްސަސާއަށް މީހަކު މައްސަލައެއް ރިޕޯޓުކޮށްފި ކަމުގައިވާ ނަމަ، އެމީހާ އެ ގަބޫލުކުރާ ސްޕީޑުގައި ނަތީޖާ ނެރެދިނުން، މި ކަންތައްތައް ކުރުން."

އިހުސާން އިތުރަށް ވިދާޅުވީ ފުލުހުންގެ މަސައްކަތުގެ ފެންވަރު މަތިކުރުމާއި ރައްޔިތުން އެދޭ ފަދަ ޖަވާބުދާރީ ވެވޭނެ ޕްރޮފެޝަނަލް މަސައްކަތްތަކެއް ކުރާ މުއައްސާއަކަށް ފުލުހުންގެ މުއައްސަސާ ހަދާނެ އެވެ.