ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ޕާޓީ ބަދަލު ކުރިޔަސް ގޮނޑި ގެއްލޭނެ ކަމަށް ގާނޫނުއަސާސީގައި ބަޔާންކޮށްފައި ނުވާ ކަމަށް މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.
އޭނަ އެގޮތަށް ވިދާޅުވީ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ބްރޯޑްކޮމަށް މެންބަރަކު އައްޔަންކުރުމުގެ ބަހުސްގެ ތެރޭގައި މަޖިލިސް މެންބަރުންގެ މިނިވަންކަން ނެތް ކަމަށް ވައިކަރަދޫ ދާއިރާގެ އެމްޑީޕީގެ މެންބަރު ހުސެއިން ޒިޔާދު ވިދާޅުވުމާ ގުޅިގެންނެވެ. އޭނަ ވިދާޅުވީ މި ވެރިކަމުގައި ގާނޫނުއަސާސީއަށް ގެނައި ބަދަލާއެކު މަޖިލިސް މެންބަރަކު ޕާޓީ ބަދަލުކޮށްފި ނަމަ އަދި ތަމްސީލު ކުރާ ސިޔާސީ ޕާޓީން އެ މެންބަރަކު ވަކިކޮށްފިނަމަ ގޮނޑި ގެއްލޭ ކަމަށެވެ.
އެ ވާހަކައާ ގުޅިގެން އަބްދުއްތަހީމް ވިދާޅުވީ ޕާޓީ ބަދަލުކުރުމުން ގޮނޑި ގެއްލޭ ވާހަކައެއް ނެތް ގާނޫނުއަސާސީއަކު ނެތް ކަމަށެވެ.
"އަޅުގަނޑު މި ޖެހެނީ ކޮންމެ ފަހަރަކު އެކަންކަން ރަނގަޅުކޮށްލަދޭން،" އަބްދުއްރަހީމް ވިދާޅުވި އެވެ. "އެ ވާހަކަ އެގޮތަށް ލިޔެފައި އެބައޮތްތޯ ގާނޫނުއަސާސީގައި؟"
އޭނަގެ އެ ވާހަކައާ ގުޅިގެން ހުޅުމާލެ ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު އަހުމަދު ޝަމްހީދު ނިޒާމީ ނުކުތާއެއް ނަންގަވައި ގާނޫނުއަސާސީއަށް ގެނައި ބަދަލުގެ ބައެއް ތަޅުމުގައި ކިޔުއްވާފައިވެ އެވެ. އަދި އަބްދުއްރަހީމް ދޮގު ހެއްދެވި ކަމަށް ތުހުމަތުކުރެއްވި އެވެ.