Last Updated: May 13, 23:15
Tuesday, May 13, 2025
މުނިފޫހިފިލުވުން

ކާތިކްގެ އާ ފިލްމުގެ ޝޫޓިން ނިންމާލައިފި

ފެބްރުއަރީ މަހުގެ ތެރޭގައި ޝޫޓިން ފެށި ޑައިރެކްޓަރު އަނޫރާގް ބާސޫގެ މިއުޒިކަލް ލަވް ސްޓޯރީގެ ޝޫޓިން ނިންމާލައިފި އެވެ.

އިންސްޓަގްރާމް ސްޓޯރީގައި ފިލްމުގެ ބަތަލު ކާތިކް އާރިއަން އެ ވާހަކަ ހިއްސާކޮށް ބުނީ ފިލްމުގެ އެންމެ ދިގު ޝެޑިއުލް ނިންމައިލެވުނީ ކަމަށެވެ. މި އަހަރުގެ ނޮވެމްބަރުގައި ގެނެސްދޭން ހަމަޖެހިފައިވާ މި ފިލްމަކީ ޓީ ސީރީޒުން ޕްރޮޑިއުސްކުރާ ފިލްމެކެވެ.

އެކަމަކު އަދި މީގެ ނަން އިއުލާނެއް ނުކުރެ އެވެ.

އަނޫރާގާ އެކު ކާތިކް އަލަށް މަސައްކަތްކުރި ފިލްމުގެ ބަތަލާ އަކީ އޭނަ މިހާރު ރައްޓެހިވެގެން އުޅޭ ކަމަށް އަޑު އަރާފައިވާ ސްރީލީލާ އެވެ.

މި އަހަރުގެ އެންމެ އުންމީދީ ފިލްމުތަކުގެ ތެރޭގައި ކާތިކްގެ މި ފިލްމުގެ ޝޫޓިން ނިންމައިލި އިރު، އޭނަ އޮތީ ކަރަން ޖޯހަރްގެ ދަރުމާ ޕްރޮޑަކްޝަންގެ ދެ ފިލްމަކަށް ވެސް ސޮއިކޮށްފަ އެވެ. އެއީ ރޮމޭންޓިކް ކޮމެޑީ "ތޫ މޭރީ މޭ ތޭރާ، މޭ ތޭރާ ތޫ މެރީ" އާއި ޑަބަލް ރޯލެއް ކުޅޭ ފެންޓަސީ ފިލްމު "ނާގްޒިއްލާ" އެވެ.

ރިޕޯޓްތައް ބުނާ ގޮތުން "ތޫ މޭރީ މޭ ތޭރާ، މޭ ތޭރާ ތޫ މެރީ" ގެ ޝޫޓިން މި މަހުގެ ތެރޭގައި ފަށާނެ އެވެ.

ކާތިކްގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ އަހަރުގެ އެންމެ ބޮޑެތި ހިޓްތަކުގެ ތެރޭގައި ހިމެނޭ ހޮރޯ-ކޮމެޑީ "ބޫލް ބުލައްޔާ 3" އެވެ.