އަންހެން ލޯޔަރަކު ބުނެފައިވެ އެވެ. އެއް ދުވަހު ތިމަން އޮފީހުގައި އިންދާ އަންހެނަކު އަ އެވެ. އެ އަންހެން މީހާ ބޭނުން ވަނީ އޭނާގެ ފިރިމީހާގެ ކިބައިން ވަރިވާށެވެ. ނަމަވެސް ފިރިމީހާ އަންހެން މީހާ ވަރިކުރާކަށް ބޭނުމެއް ނުވެ އެވެ. ލޯޔަރު ބުންޏެވެ! ތިމަން އެދެމަފިރިންގެ ދެމެދު ޞުލްޙަ ކުރެވޭތޯ މަސައްކަތް ކުރީމެއެވެ. އަންހެން މީހާ ވަރިވާން ގަދައަޅައިފައި ހުރުމުގެ ސަބަބުން ދެމަފިރިންގެ މެދުގައި ޞުލްޙާ ކުރޭ ގޮތެއް ނުވިއެވެ. ތިމަން އަންހެން މީހާ އާ މުޚާޠަބުކޮށް ބުނީމެވެ. ތިބާ ފިރިމީހާގެ ގާތުން ވަރިވާން ބޭނުން ވަނީ ކޮން ސަބަބަކާ ހެދި ހެއްޔެވެ؟
ޖަވާބުގައި އަންހެން މީހާ ބުންޏެވެ! ތިމަންމެންގެ ޢާއިލާ އެކުލެވިގެން ވަނީ ތިމަންނާ އާއި ފިރިމިހާ އާއި ދަރިންގެ މައްޗަށެވެ. މީގެ އިތުރުން، ތިމަންމެންނާ އެކު މައިދައިތަ ދިރިއުޅެއެވެ. މައިދައިތަ އަކީ ޢުމުރުން ދުވަސްވެ، ވާގިނެތިފައިވާ މީހެކެވެ. މައިދައިތަ އިންނަނީ ގޮނޑީގަ އެވެ.
ފިރިމީހާ ހުރިހާ ސަމާލު ކަމެއް ދެނީ އޭނާގެ މަންމައަށެވެ. ލިބޭ ހުރިހާ އެއްޗެއްހެން ޚަރަދު ކުރަނީ މަންމައަށެވެ. އެކަންކަމުގެ އިތުރުން، ފަޤީރުކަމަކަށް އަހަރެންނަކަށް ކެތެއް ނުކުރެވޭނެއެވެ. މީގެ އިތުރުން އެ މަންމައަށް ވެސް އަހަރެން ޚިދުމަތް ކުރަން ޖެހެ އެވެ. އަހަރެންނަށް އޭނާ އަށް ޚިދުމަތް ކުރުން މަޖުބޫރެއް ނޫނެވެ. އެއީ އަހަރެންގެ މަންމައެއް ނޫނެވެ. އޭނާގެ ގާތުގައި ނަރުހެއްގެ ގޮތުގައި ޚިދުމަތް ކުރަން އަހަރެން ތައްޔާރެއް ނޫނެވެ. އެހެންކަމުން ފިރިމީހާގެ ގާތުން ވަރިވުމުގެ ގޮތުން ދަޢްވާ ހުށަހެޅީ އެވެ.
ލޯޔަރު ބުންޏެވެ! ތިމަން އެ އަންހެން މީހާއަށް ބުނީމެވެ. އޭނާގެ މަންމައާ މެދު ތިބާ މާތް ﷲ އަށް ބިރުވެތިވާށެވެ. އެއީ ބަލި މީހެކެވެ. ނުކުޅެދުންތެރިއެކެވެ. ތިބާ ބޭނުން ވަނީ ތިބާގެ ރުހުން ހޯދުމަށްޓަކައި، ފިރިމީހާ އޭނާގެ މަންމަ މަގުމައްޗަށް އެއްލާލަން ހެއްޔެވެ؟ ތިބާ އެ މަންމައަށް ޚިދުމަތްކޮށް ދިނުމުން، އެކަމުގެ ޘަވާބައި ދަރުމަ އެކަލާނގެ ޙަޟުރަތުން ލިބިގެން ދާނެ އެވެ.
ލޯޔަރާ މުޚާޠަބުކޮށް އަންހެން މީހާ ބުންޏެވެ! ތިބާ މި މައްސަލައާއިގެން ކުރިޔަށް ދާން ތައްޔާރު ހެއްޔެވެ؟ ނުވަތަ ތިމަން އެހެން ލޯޔަރެއްގެ ގާތަށް މައްސަލަ ހިފައިގެން ދާންވީ ހެއްޔެވެ؟
ލޯޔަރު ބުންޏެވެ! އެންމެ ރަނގަޅެވެ. އަހަރެން ތިބާގެ މައްސަލައާއިގެން ކުރިޔަން ދާން ތައްޔާރެވެ. އެހެން ނަމަވެސް ތިމަންނާ އަށް ތިބާގެ ފިރިމީހާ އާއި ގުޅައި އެކަމުގައި އޭނާގެ ރައުޔަކީ ކޮބައިތޯ ބަލަން ފުރުޞަތު ދޭށެވެ!
ލޯޔަރު ބުންޏެވެ! ތިމަން އަންހެން މީހާގެ ފިރިމީހާއާ ގުޅާ، އަންހެނުން، އޭނާގެ ކިބައިން ވަރިވާން ކޯޓަށް މައްސަލަ ހުށަހަޅަން ބޭނުންކަމާ، އެކަމާ ބެހޭ ގޮތުން ފިރިހެން މީހާ ރައުޔަކީ ކޮބައިތޯ ސުވާލު ކުރިއެވެ. ފިރިހެން މީހާ ބުންޏެވެ. ތިމަން އިސްކަން ދޭނީ މަންމައަށެވެ. ތިމަންގެ މަންމަ މަގުމައްޗަށް ގިނަވާން ދޫކޮށެއް ނުލާނަމެވެ. އަދި ޚާއްޞަކޮށް އެ މަންމަ އަކީ ޢުމުރުން ދުވަސްވެ ހަށިގަނޑުގެ ވާގިނެތިފައިވާ މީހެކެވެ. އަހަރެންނަށް އެންމެ މުހިންމީ މާތް ﷲ ގެ ރުހިވޮޑިގަތުމާއި މަންމަގެ ރުހުމެވެ.
އެއަށް ވުރެ މުހިންމު ކަމެއް އަހަރެންނަކަށް ނުވެއެވެ. ކޯޓަށް މައްސަލަ ހުށަހަޅާށެވެ. ހުރިހާ ކަމެއްގައި އަހަރެން އެއްބާރުން ދޭނަމެވެ. އަހަރެންގެ ދަރިން މިހާރު އެ ތިބީ ޢުމުރުން 15 އަހަރު ފުރިފަ އެވެ. އެ ކުދިން ތިބޭނީ އަހަރެންގެ ގާތުގައެވެ. އެ ކުދިންގެ މަންމައާ ދުރުގައި އެކުދިންނަށް ހެޔޮ ތަރުބިޔަތެއް އަހަރެން ދޭނަމެވެ.
ލޯޔަރު ބުންޏެވެ. ތިމަންމެން ކޯޓަށް ދަޢްވާ ހުށަހެޅީމެވެ. އަދި ވަރީގެ ކަންކަން ހަމަޖެހިގެން ދިޔައެވެ. އޭގެ ފަސް އަހަރެއްހާ ދުވަސްފަހުން، އަހަރެންގެ އޮފީހުގައި އިންދާ ވަރަށް ޑީސެންޓްކޮށް ހުރި ފިރިހެނަކު އޮފީހަށް ވަނެވެ. އޭނާގެ އަތުގައި ކާރުގެ ތަޅުދަނޑި އޮތެވެ. ބަލާ ބެލުމަށް އޭނާ އަކީ މުއްސަންޖެއްކަން ހާމަވެ އެވެ.
އޭނާ ބުންޏެވެ. ތިމަން އިށީނަސް އެންމެ ރަނގަޅު ހެއްޔެވެ؟ ތިމަން ބުނީމެވެ. އިށީންނާށެވެ! އިށީނދެ އޭނާ ބުންޏެވެ. ތިމަންގެ ކުންފުނިތަކާއި، ހޯޓާތައް އެބަހުއްޓެވެ. އެތަންތަނުގައި ޤަނޫނީ ގޮތުން ބަލަހައްޓަން ޖެހޭ ކަންކަން ބަލަހައްޓައި ދިނުން އެދެމެވެ. އެއަށް ފަހު ބުންޏެވެ. ތިމަން އެނގިއްޖެ ހެއްޔެވެ؟
ތިމަން ބުނީމެވެ. ނޫނެކެވެ. ތިޔައި ކާކުން ނޭނގުނެވެ. އޭނާ ބުންޏެވެ. މީގެ ފަސް އަހަރު ކުރިން، އަނބިމީހާ ވަރިކުރި ފަޤީރު މީހާ އެވެ. އަޖާޢިބުވެފައި ތިމަން ބުނީމެވެ. އެއީ ތިބާ ހެއްޔެވެ! ޤަބޫލެއް ވެސް ނުކުރެވެ އެވެ. އޭނާ ބުންޏެވެ. އާ އެނކެވެ. މި ހުރިހާ ކަމަކީ ވެސް އެކަލާނގެ ފަޟްލަވަންތަކަމެވެ. މަންމައަށް ޚިދުމަތް ކުރުމެވެ. މާތް ﷲ ތިމަންނާ އަށް ދީލަތިވެވޮޑިގެން ތަނަވަސްކަން ދެއްވި އެވެ. އެކަމުގެ ސަބަބަކީ ތިމަންގެ މަންމަގެ ރުހުމާއި ހެޔޮ ދުޢާ އެވެ.
ލޯޔަރު ބުންޏެވެ. ތިމަން އޭނާ ވަރިކުރި އަންހެން މީހާ ދިޔައީ ކޮންތާކަށްތޯ ސުވާލު ކުރީމެވެ. އޭނާ ބުންޏެވެ! އޭނާ ދިރިއުޅެމުން ދަނީ އޭނާގެ މަންމާއާ އެކުގައެވެ. ވަރަށް ފަޤީރު ޙާލުގަ އެވެ. މީސްތަކުން އޭނާ އަށް ދޭއެއްޗެއް ކައިގެން ބޮއިގެންނެވެ. އެތައް ފަހަރެއްގެ މަތިން ތިމަންގެ ގާތަށް އަލުން އަންނަން ވެސް މަސައްކަތްކުރި އެވެ. އެހެން ނަމަވެސް ތިމަން އެކަމަށް އިންކާރު ކުރީމެވެ. ތިމަންގެ އަތްފައިގައި ބޮސްދީ ހެދި އެވެ. ތިމަން އެއްބަހެއް ނުވަމެވެ. އެއީ އޭނާ އިޚްތިޔާރު ކުރީ އެހެން މަގެއް ކަމުގައިވާތީ އެވެ. ކުރީގެ މީހުން ބުނެފައިވެ އެވެ.
"މާތް ﷲ ރުހިވޮޑިގަތުން އޮތީ މައިންބަފައިންގެ ރުހުމުގަ އެވެ." (قصة من أروع القصص)
ނޯޓް: މިއީ ޝައިހް މޫސާ އަންވަރު ހަސަންގެ ލިޔުމެކެވެ.