މަގާމުގެ ބޭނުން ނަހަމަ ގޮތުގައި ހިފައި ބިދޭސީއެއްގެ އަތުން ފައިސާ ނެގި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރު، ޝަމްއާން ވަހީދާއި އޭނައާ އެކު ހައްޔަރުކުރި އިމިގްރޭޝަންގެ މުވައްޒަފުންގެ މައްޗަށް ދައުވާކޮށް ދިނުމަށް އެދި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފުލުހުން މައްސަލަ ފޮނުވައިފި އެވެ.
ޕީޖީ އޮފީހުގެ ބުނީ އެ މީހުންގެ މައްޗަށް ދައު ކޮށްދިނުމަށް އެދި ފުލުހުން މައްސަލަ ހުށަހެޅީ އިއްޔެ ކަމަށެވެ. އަދި، އެ މައްސަލަ ބަލައިގަނެފައިވާ ކަމަށާއި ކުރާނެ ދައުވާއެއް ކަނޑައަޅައި، އެކަން 15 ދުވަހުގެ ތެރޭގައި އިއުލާން ކުރާނެ ކަމަށެވެ.
ޝައްމާނުގެ އިތުރުން ދައުވާ ކުރަނީ ތ. ބުރުނީ މޫނިމާގޭ މުހައްމަދު އަލްސަން އިސްމާއީލް އާއި ގ. ހެޕީ ސައިޑު ހަސަން ސެހެޝާން އަދި ހަމަ އެގޭ އިބްރާހިމް އަހުމަދު، އަދި މ. ހަޒާރީވިލާ އަހުމަދު ލައްސާންގެ މައްޗަށެވެ.
އެ މީހުންގެ މައްޗަށް ކުރާ ތުހުމަތަކީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދިޔަ ބިދޭސީއަކު ދޫކޮށްލުމަށް ފަހު، އެ އިދާރާގެ މުވައްޒަފުންތަކަކާ ގުޅިގެން އެ މީހާގެ އަތުން 500،000 އަށް ވުރެ ގިނަ ރުފިޔާ ހޯދައިގެން އެ ފައިސާ ޝަމްއާންގެ ގެއަށް ގެންދިއުމެވެ. އަދި އެކަމުގެ ހެކި ވެސް ލިބިފައިވާ ކަމަށް ފުލުހުން ބުނެފައިވެ އެވެ.
ޝައްމާން މިހާރު ހުރީ މައްސަލާގެ ޝަރީއަތް ނިމެންދެން ބަންދުކޮށްފަ އެވެ.