"އޭވިއޭޝަން ފޯރަމް 2025" މި މަހުގެ 27 ގައި ބާއްވަން ނިންމައިފި އެވެ.
މި ފޯރަމް އޮންނާނީ އެ ދުވަހު ހުޅުލޭ އައިލޭންޑް ހޮޓެލް (އެޗްއައިއެޗް) ގަ އެެވެ.
"އޭވިއޭޝަން ފޯރަމް" ގައި ރާއްޖޭގެ އޭވިއޭޝަން ދާއިރާގައި ހަރަކާތްތެރިވާ ގިނަ ފަރާތްތަކަކުން ބައިވެރިވާނެ އެވެ. މި ފޯރަމްގެ ބޭނުމަކީ ރާއްޖޭގެ އޭވިއޭޝަން ދާއިރާ ކުރިއަށް އޮތް ތަނުގައި ބައްޓަން ކުރާނެ ގޮތާއި ދާއިރާގައި މިހާރު އެކިއެކި ކަންކަމާ ގުޅޭ ގޮތުން މަޝްވަރާކޮށް ހިޔާލު ބަދަލު ކުރުމެވެ.
ރާއްޖޭގައި އޭވިއޭޝަން ދާއިރާ އެއް ދުވަހުން އަނެއް ދުވަހަށް ކުރިއަރަމުން އަންނަ އިރު، ރާއްޖޭގައި ތަރައްގީކުރާ އެއާޕޯޓްތަކުގެ އަދަދު ވެސް އަންނަނީ ވަރަށް ބޮޑަށް އިތުރުވަމުންނެވެ. ރާއްޖޭގެ އިގުތިސާދު ޓޫރިޒަމަށް ބިނާވެފައިވާ އިރު، މި ދާއިރާގެ ކުރިއެރުމާ ވެސް އެންމެ ބޮޑަށް ގުޅިފައިވާ އެއް ދާއިރާ އަކީ އޭވިއޭޝަން ދާއިރާ އެވެ.