Last Updated: May 13, 23:15
Tuesday, May 13, 2025
މުނިފޫހިފިލުވުން

އަޖޭގެ ދެބަފައިން ފިލްމަކަށް އަޑު އަޅަނީ

މި މަހުގެ ފަހުކޮޅު ސިނަމާތަކަށް ގެންނަ ހޮލީވުޑްގެ ފިލްމު "ކަރާޓޭ ކިޑް؛ ލެޖެންޑްސް" އިންޑިއާގައި އަޅުވާ އިރު، އޭގެ ހިންދީ ވާޝަންގެ މުހިއްމު ދެ ކެރެކްޓާއަކަށް ބޮލީވުޑްގެ ތަރި އަޖޭ ދޭވްގަން އާއި ފިރިހެން ދަރިފުޅު ޔުގް ދޭވްގަން އަަޑުއަޅާ ގޮތަށް ހަމަޖެހިއްޖެ އެވެ.

މިހާރު 15 އަހަރުގެ ޔުގް އަކީ އަޖޭ އާއި މަޝްހޫރު ބަތަލާ ކާޖޮލްގެ ދެ ކުދިންގެ ތެރެއިން ހަގު ދަރިފުޅެވެ.

"ކަރާޓޭ ކިޑް: ލެޖެންޑްސް" އަކިީ އަޖޭ އާއި ދަރިފުޅު ފިލްމަކަށް އެކީގައި އަޑު އަޅާ ފުރަތަމަ ފަހަރެވެ. މިހާތަނަށް އެއްވެސް ފިލްމެއްގައި ޔުގް އެކްޓްކޮށް އަދި އަޑު ވެސް އަޅާފައި ނެތް ނަމަވެސް ބައްޕަގެ މި ފަހުގެ ބައެއް ފިލްމުތަކުގެ މަސައްކަތްތަކުގައި އޭނަ ކެމެރާގެ ފަހަތުގައި އެކި ކަހަލަ މަސައްކަތްތައް ކުރެ އެވެ.

"ކަރާޓޭ ކިޑް: ލެޖެންޑްސް" ސިނަމާތަކަށް ގެންނަން ހަމަޖެހިފައި ވަނީ މި މަހުގެ 30 ގަ އެވެ. ޖޮނަތަން އެންޓްވިސްޓްލް ޑައިރެކްޓްކޮށްފައިވާ މި މާޝަލް އާޓްސް ޑްރާމާ އަކީ "ކަރާޓޭ ކިޑް" ފްރެންޗައިޒްގެ ހަ ވަނަ ފިލްމެވެ. ފިލްމުގެ ކާސްޓްގައި ޖެކީ ޗެން، ރާފް މަޗިއޯ، ބެން ވޭންގް، ޖޯޝުއާ ޖެކްސަން، ސެޑީ ސްޓޭންލީ އަދި މިންގް-ނާ ވެން ހިމެނެ އެވެ.

"ކަރާޓ ކިޑް: ލެޖެންޑްސް" ގެ ހިންދީ ވާޝަންގައި އަޖޭ އަޑު އަޅަނީ ޖެކީ ޗަންގެ ކެރެކްޓާއަށެވެ. އަދި ޔުގް އަޅަނީ ބެންގެ ކެރެކްޓާއަށެވެ.

ހިންދީ ވާޝަންގެ ޓްރެއިލާ ވަރަށް އަވަހަށް އާންމުކުރާނެ އެވެ.

މީގެ ކުރިން ޝާހްރުކް ޚާނާއި އޭނަގެ ދަރިން "ލަޔަން ކިންގް" އަށް އަޑު އަޅާފައިވެ އެވެ. އެގޮތުން 2019 ގެ "ލަޔަން ކިންގް" އާއި ޝާހްރުކް އާއި ދޮށީ ދަރިފުޅު އަރިއަން ޚާން އަޑު އެޅި އެވެ. އަދި މިދިޔަ އަހަރު ގެނެސްދިން އޭގެ ސީކްއެލް: މުސާފާ: ލަޔަން ކިންގް" އަށް އެ ދެ މީހުންނާ އެކު ހަގު ދަރިފުޅު އަބްރަމް އަޑު އަޅާފައިވެ އެވެ.