ބަންގުލަދޭޝްގެ ރައްޔިތަކު ގާނޫނާއި ގަވާއިދާ ހިލާފަށް ރާއްޖެއަށް ބިދޭސީން ގެނައުމުގެ ވިޔަފާރިކޮށް ޖިނާއީ ކުށްކޮށްގެން ފައިސާ ހޯދައި މަނީލޯންޑްރިން އަމަލުތަކެއް ހިންގާފައިވާ މައްސަލައިގެ ތަހުގީގު ނިންމައި ދައުވާކޮށްދިނުމަށް އެދި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިފި އެވެ.
މި މައްސަލައާ ގުޅިގެން ފުލުހުންގެ ތަހުގީގު ނިންމައި ދައުވާކުރުމަށް ފޮނުވާފައިވަނީ ޝަހާދަތު ހޮސައިން، ބަންގްލަދޭޝް، (34އ) ގެ މައްޗަށެވެ. އޭނާ ހައްޔަރުކޮށްފައިވަނީ މިއަހަރުގެ ޖަނަވަރީ 21 ވަަނަ ދުވަހު ކޯޓު އަމުރުގެ ދަށުންނެވެ.
ފުލުހުން ބުނީ ޝަހާދަތު ހޮސައިންއަކީ 2014 ވަނަ އަހަރުން ފެށިގެން ހަތަރު ވޯކްޕާމިޓެއްގައި ރާއްޖޭގައި އުޅެމުން ގޮސްފައިވާ މީހެއްކަން ތަހުގީގުގެ ތެރެއިން ދެނެގަނެވިފައިވާ ކަމަށެވެ.
އަދި އޭނާ ގެންގުޅޭ މޯބައިލް ފޯނާއި ލެޕްޓޮޕްގައި އެކި ކުންފުނިތަކުގެ ރަޖިސްޓްރީއާއި ލޯގޯ، ސްޓޭމްޕް އަދި ބިދޭސީން ހިމެނޭގޮތަށް އެކި މީހުންގެ ސޮއި އަދި ވޯކްޕާމިޓާއި ކޯޓާ ނެގުމަށް ބޭނުންވާ ލިޔެކިޔުމުގެ އިތުރުން ބިދޭސީންގެ ޕާސްޕޯޓު ކޮޕީއާއި ބައެއް ދިވެެހިންގެ އައިޑީކާޑު ފޮޓޯ ވެސް ފެނިފައިވާ ކަމަށް ފުލުހުން ބުނެ އެވެ.
މީގެ އިތުރުން، ވޯކްޕާމިޓް ސައިޓުތަކަށް ވަދެފައިވާކަމުގެ ވެބް ހިސްޓްރީ ވެސް ތަހުގީގަށް ލިބިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.