ފޮރިން މިނިސްޓަރު ޑރ.ޢަބްދުالله ޚަލީލް މިހާރު ކުވޭތަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި ކުވޭތުގެ ފޮރިން މިނިސްޓަރު ޢަބްދުﷲ ޢަލީ އަލް ޔަހްޔާގެ ބައްދަލުކުރައްވައިފި އެވެ.
ފޮރިން މިނިސްޓްރީން ބުނީ މި ބައްދަލުކުރެއްވުމުގައި، ރާއްޖެއާއި ކުވޭތާ ދެމެދު އުފެދިފައިވާ ޒަމާންވީ އަޙްވަންތަ ގުޅުމުގެ މައްޗަށް ދެ ވަޒީރުންވެސް އަލިއަޅުވާލައްވައި، ދެޤައުމުގެ ދެމެދު ގުޅުން އިތުރަށް ހަރުދަނާކޮށް ބަދަހިކުރުމުގެ މައްޗަށް މަޝްވަރާ ކުރެއްވި ކަމަށެވެ.
އަދި އިސްލާމްދީނުގެ މަތިވެރި އަސާސްތަކުގެ މައްޗަށް ބިނާވެފައިވާ ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށާއި އިޤްތިޞާދީ ރޮނގުންނާއި، ވިޔަފާރި އާއި އިންވެސްޓްމަންޓްގެ ދާއިރާއިންނާއި، ސިއްހީ ނިޒާމް ހަރުދަނާ ކުރުމުގެ ގޮތުންނާއި، އިޔާދަކުރަނިވި ހަކަތައިގެ ދާއިރާއިން ގުޅުން އިތުރަށް ހަރުދަނާކުރުމާ ގުޅޭގޮތުން މިނިސްޓަރ ޚަލީލު، ކުވޭތުގެ ފޮރިން މިނިސްޓަރާއި މަޝްވަރާކުރެއްވި ކަމަށް މިނިސްޓްރީން ބުނެ އެވެ.
މީގެ އިތުރުންވެސް ދެ ޤައުމުގެ މަޞްލަޙަތުތައް ކުރިއެރުވުމަށާއި ދެމެހެއްޓެނިވި ތަރައްޤީ ޙާޞިލްކުރެއްވުމަށް އޮތް ޢަޒުމް ދެ ވަޒީރުންގެ މަޝްވަރާތަކުން ހާމަވެގެންދިޔަ ކަމަށް މިނިސްޓްރީން މައުލޫމާތުދެ އެވެ.
ރާއްޖޭގެ ތަރައްޤީގެ ތަފާތު އެކި މަޝްރޫޢުތަކަށް ކުވޭތު ސަރުކާރުން ފޯރުކޮށްދެމުންދާ އެހީތެރިކަމަށް ކުވޭތު ސަރުކާރުގެ އިސްވެރިންނަށް ހަލީލު ޝުކުރު އަދާކުރެއްވި އެވެ. ހާއްސަގޮތެއްގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްޤީ ކުރުމުގެ މަޝްރޫޢަށް ކުވޭތު ފަންޑް ފޯ އިކޮނޮމިކް ޑިވެލޮޕްމެންޓްގެ އެހީތެރިކަމާއި، ރާއްޖޭގެ ސިއްޙީ ނިޒާމު ހަރުދަނާ ކުރުމަށް ދެއްވާ އެހީތެރިކަން ފާހަގަކުރެއްވި އެވެ.