އެމެރިކާއިން ސައުދީ އަރަބިއްޔާ އަށް 142 ބިލިއަން ޑޮލަރުގެ ހަތިޔާރު ވިއްކުމާ ގުޅޭ އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފި އެވެ.
މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މިހާރު ސައުދީއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ.
ވައިޓްހައުސް އިން ބުނީ އެމެރިކާގެ ތާރީހުގައި ވެސް ހަތިޔާރު ވިއްކުމާ ގުޅޭ އެންމެ ބޮޑު އެއްބަސްވުން ކަމަށާއި މި އެއްބަސްވުމުން ދެ ގައުމުގެ މެދުގައި އޮތް ގުޅުން ހާމަވެގެންދާ ކަމަށެވެ.
މި އެއްބަސްވުމުގެ ދަށުން ތަފާތު އެކި ދާއިރާތަކުން ސައުދީއަށް ހަތިޔާރު ފޯރުކޮށްދިނުމުގެ އިތުރުން ސައުދީގެ އަސްކަރިއްޔާގެ ސިފައިންނަށް ތަމްރީނުތައް ހިންގުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ.
ސައުދީއަށް ޓްރަމްޕް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު ސޮއިކުރި އެހެން އެއްބަސްވުންތަކުގެ ތެރޭގައި 600 ބިލިއަން ޑޮލަރުގެ އިންވެސްޓްމެންޓްތައް އެމެރިކާގައި ކުރުމަށް ސައުދީން ވަނީ އެއްބަސްވެފަ އެވެ. އަދި އެމެރިކާގައި އާޓިފިޝަލް އިންޓެލިޖެންސާއި ގުޅޭ ސެންޓަރެއް ގާއިމުކުރަން 20 ބިލިއަން ޑޮލަރު ހޭދަކުރުމަށް ސައުދީން އެއްބަސްވެފައިވާއިރު ހަކަތައިގެ ދާއިރާއިން ގުޅުން ބަދަހިކުރުމާ ގުޅޭ އެއްބަސްވުމެއްގައި ވެސް ވަނީ ސޮއިކޮށްފަ އެވެ.
އެއްބަސްވުންތަކުގައި ސޮއިކުރުމަށްފަހު ބޭއްވި އެމެރިކާ-ސައުދީ އިންވެސްޓްމެންޓް ފޯރަމްގައި ވާހަކަދައްކަމުން ޓްރަމްޕް ވިދާޅުވީ މިއަދަކީ އެމެރިކާ އާއި ސައުދީގެ ގުޅުމަށް އިތުރު ފިޔަވަޅެއް އަޅާ ދުވަސް ކަމަށާއި ދެ ގައުމުގެ ގުޅުން ކުރިއަށް ވުރެ މިހާރު މާ ވަރުގަދަ ވެފައިވާ ކަމަށެވެ. އަދި މި ގުޅުން މިގޮތުގައި ދެމި އޮންނާނެ ކަމަށްވެސް ޓްރަމްޕް ވިދާޅުވި އެވެ.
ސައުދީގެ ބޮޑުވަޒީރު މުހައްމަދު ބިން ސަލްމާން ވަނީ އެމެރިކާ އާއި ސައުދީއަކީ އެކުވެރި ދެ ގައުމުގެ ގޮތުގައި ސިފަކުރައްވައި މި ގުޅުމުގެ އެންމެ މައިގަނޑު އެއް އަސާސަކީ އިގްތިސާދީ ގޮތުން ގުޅުން ބަދަހިކުރުން ކަމަށް ވިދާޅުވެފަ އެވެ. އޭގެ އިތުރަށް ސަލާމަތީ ދާއިރާއިންނާއި ސަރަހައްދީ އަދި ދުނިޔެއަށް ހަމަޖެހުން ގެނައުމަށް ވެސް މި ގުޅުމުގެ ތެރެއިން މަސައްކަތް ކުރެވިގެންދާނެ ކަމަށް ވިދާޅުވި އެވެ.