ކުރިއަށް އޮތް ބޮޑު އީދާ ދިމާކޮށް، އައްޑޫގެ ގެތައް ދިއްލައި ޒީނަތްތެރި ކުރުމުގެ މުބާރާތެއް ބާއްވަން ނިންމައި ބައިވެރިވުމުގެ ފުރުސަތު އައްޑޫ ސިޓީ ކައުންސިލުން ހުޅުވާލައިފި އެވެ.
މިފަދަ މުބާރާތެއް ބާއްވަން ކައުންސިލުން ނިންމީ އަންނަ މަހުގެ 5-9 އަށް އައްޑޫގައި ބޮޑު އީދު ކުލަގަދަކޮށް ފާހަގަކުރަން ކުރިއަށް ގެންދަން ނިންމާފައިވާ "އައްޑޫ އީދި ސަމާ" ގެ ތެރޭގައި ހިމަނައިގެންނެވެ.
އައްޑޫ ކައުންސިލުން ކުރި އިއުލާނެއްގައި ބުނީ މުބާރާތުގައި ބައިވެރިވުމަށް ކޮންމެ ގޭބިސީއެއްގެ ވެސް ދޮރުމައްޗަށްވާ ސަރަހައްދު އާންމުކޮށް ފެންނާނެހެން، ރާއްޖޭގެ ޢީދުގެ ސަގާފަތާއި އިސްލާމީ ވަންތަކަން ރަމްޒުކޮށްދޭ ގޮތަށް ޒީނަތްތެރި ކުރަންވާނެ ކަމަށެވެ.
މުބާރާތުގައި ބައިވެރިވުމަށް ފޮނުވާ ފޮޓޯތައް ކައުންސިލް އިދާރާގެ ފޭސްބުކް ޕޭޖުގައި ހިއްސާކުރާނެ ކަމަށާއި މުބާރާތުގެ ވަނަތައް ވަޒަންކުރެވޭނީ ފަނޑިޔާރުންގެ ޕެނަލްގެ 80 އިންސައްތަ މާކްސް، މީސްމީޑިއާގައި ލިބޭ ލައިކް އަދި ހާޓް ރިއެކްޓްތަކަށް 20 އިންސައްތަ މާކްސް އަށް ބަލައިގެން ކަމަށް ކައުންސިލުން ބުނެ އެވެ. އެންމެ ގިނަ މާކްސް އަދި ހާޓް ރިއެކްޓްސް ލިބޭ ފަރާތްތަކުގެ މެދުގައި ގަދަ ތިނެއް ހޮވުމަށް ވަނީ ހަމަޖެހިފަ އެވެ.
އެގޮތުން އެއްވަނަ އަށް 15،000ރ. ދެވަނަ އަށް 10،000ރ. އަދި ތިން ވަނަ އަށް 5،000ރ. ހުށަހަޅާފައިވެ އެވެ.
މި މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު އަންނަ މަހުގެ 5 ވަނަ ދުވަހާ ހަމައަށް ވަނީ ހުޅުވާލައިފަ އެވެ.
މުބާރާތާ ބެހޭ އިތުރު މައުލޫމާތު ކައުންސިލް އިދާރާގެ މީޑިއާ އެންޑް ޕަބްލިކް ރިލޭޝަންސް ހޮޓްލައިން 7905003 ނުވަތަ 6885003 އަށް ގުޅައިގެން ހޯދޭނެ އެވެ.