Last Updated: May 13, 23:15
Wednesday, May 14, 2025
ޚަބަރު

އަޒްމިރަލްދާ އާއި މަހާޒު ވަކިކުރަންޖެހޭ ހުއްޖަތެއް ނެތް

ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް އަހުމަދު މުއިއްޒު

ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން ކަމަށްވާ ޑރ. އަޒްމިރަލްދާ ޒާހިރު އާއި މަހާޒު އަލީ ޒާހިރު ފަނޑިޔާރުކަމުން ވަކިކުރަންޖެހޭ ގާނޫނީ ހުއްޖަތެއް ދެއްކިފައި ނުވާ ކަމަށް ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް އަހުމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ފަނޑިޔާރު އަޒްމިރަލްދާ އާއި މަހާޒު ފަނޑިޔާރު ކަމުން ވަކިކުރުމަށް ޖޭއެސްސީން ނިންމާފައިވަނީ ރަނގަޅަށް ކަމަށް ކަނޑައަޅައި ޖުޑިޝަރީ ކޮމިޓީން ރައްޔިތުންގެ މަޖިލީހުގެ ތަޅުމަށް ފޮނުވި މައްސަލަ މާދަމާގެ ޖަލްސާއަށް ވަނީ އެޖެންޑާކޮށްފަ އެވެ.

ކުރީގެ ޕީޖީ މުއިއްޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ފަނޑިޔާރު އަޒްމިރަލްދާ އާއި މަހާޒަކީ އަދުލުވެރި، އިންސާފުވެރި، ނަޒާހަތްތެރި ދެ ފަނޑިޔާރުން ކަމަށާއި ފަނޑިޔާރު ކަމުގެ މަގާމުން އެ ދެ ބޭފުޅުން ވަކިކުރަން ޖާއިޒުވާފަދަ އަމަލެއް އެ ދެ ބޭފުޅުން ކުރެއްވި ކަމަށް ގަބޫލުނުކުރެވޭ ކަމަށެވެ. އަދި އެފަދަ ގާނޫނީ އަސާސެއް ނުވަތަ ހުއްޖަތެއް މިހާތަނަށް ދެކިފައެއް ވެސް ނުވާ ކަމަށް ވިދާޅުވި އެވެ.

ފަނޑިޔާރުން މަގާމުން ވަކި ކުރުމާމެދު ފެންނަ ގޮތެއް ބެލުމަށް މާދަމާ މަޖިލީހުގެ ތަޅުމުގައި ނަގާ ވޯޓުގައި މަޖިލީހުގެ ކޮންމެ މެމަބަރަކު ވެސް ގާނޫނު އަސާސީގެ 75 ވަނަ މާއްދާ އާއި މެމްބަރުން ކުރެއްވި ހުވާ ހަނދުމަފުޅު ކުރެއްވުންމަތީ ދެމިތިބުމަށް މުއިއްޒު ވަނީ ގޮވާލާފަ އެވެ. އަދި ކޮންމެ މީހަކަށް ގާނޫނު އަސާސީން ލިބިދީފައިވާ އަސާސީ ހައްގުތައް ކަށަވަރު ކޮށްދިނުމުގައި މަޖިލީހުގެ ދައުރެއް ވެސް ވާކަން ދެނެތިބެ އަދުލުވެރިކަމާއެކު ވޯޓު ދެއްވުމަށް ވަނީ އެދިވަޑައިގެންފަ އެވެ.

ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރަކު ވަކިކުރަން ޖުޑިޝަރީ ކޮމިޓީން ނިންމީ އެ ބޭފުޅުންނަށް ޖަވާބުދާރީވުމުގެ ފުރުސަތު ވެސް ނުދީ ކަމަށްވާއިރު އެކަމާ ގުޅިގެން މަޖިލީހުގެ ސުޕަ މެޖޯރިޓީ އޮންނަ ޕީއެންސީއަށް ބޮޑެތި ފާޑުކިޔުންތަކެއް ވަނީ އަމާޒުވެފަ އެވެ.

ޖޭއެސްސީގެ ރިޕޯޓު މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން ދިރާސާކުރުމުގައި އަމަލު ކުރި ގޮތާ ގުޅިގެން މަޖިލީހުގެ ކައުންސެލް ޖެނެރަލް، ފާތިމަތު ފިލްޒާ ވެސް ވަނީ ކަންބޮޑުވުންތަކެއް މިއަދު ހިއްސާކުރައްވާފަ އެވެ.

ފަނޑިޔާރު އަޒްމިރާލްދާ އާއި ފަނޑިޔާރު މަހާޒް ވަކިކުރަން ޖޭއެސްސީން ނިންމީ މަސާޖު ޕާލާއަކުން ހައްޔަރުކުރި އަޒްމިރާލްދާގެ ފިރިކަލުން ޑރ. އިސްމާއިލް ލަތީފުގެ ބަންދާމެދު ގޮތެއް ނިންމަން ހާޒިރުކުރުމުން ފަނޑިޔާރުންތަކަކަށް ނުފޫޒު ފޯރުވިކަމަށް ބުނާ މައްސަލައަކާ ގުޅިގެންނެވެ.

ފަނޑިޔާރުން މަގާމުން ވަކި ކުރެވޭނީ މަޖިލީހުގެ ކޮމެޓީން އެ މައްސަލަ ބަލައި, ތަޅުމަށް ފޮނުވައިގެން, ތަޅުމުގެ ތިން ބައިކުޅަ ދެބައި ވޯޓް ލިބިގެންނެވެ.