Last Updated: May 14, 13:26
Wednesday, May 14, 2025
ކުޅިވަރު

ކްރިސްޓިއާނޯ ޖޫނިއާގެ ފުރަތަމަ މެޗުން ޕޯޗުގަލަށް މޮޅެއް

ޕޯޗުގަލްގެ ފުޓްބޯޅަ ލެޖެންޑް ކްރިސްޓިއާނޯ ރޮނާލްޑޯގެ ފިރިހެން ދަރިފުޅު، ކްރިސްޓިއާނޯ ޖޫނިއާ ޕޯޗުގަލްގެ 15 އަހަރުން ދަށުގެ ގައުމީ ޓީމަށް ކުޅުނު ފުރަތަމަ މެޗުން އެޓީމު ޖަޕާނުގެ މައްޗަށް 4-1 އިން ކުރި ހޯދައިފި އެވެ.

ކްރޮއޭޝިއާގައި ކުރިއަށްދާ ވްލަޓްކޯ މާކޮވިޗް އިންޓަނޭޝަނަލް ޓޯނަމެންޓުގައި ޖަޕާނާއި ދެކޮޅަށް ޕޯޗުގަލް އިން ކުޅުނު މެޗުގައި ކްރިސްޓިއާނޯ ޖޫނިއާ ކުޅެން އެރީ ދެވަނަ ހާފުގަ އެވެ. މަޝްހޫރު 7 ނަމްބަރު ޖޯޒީގައި ކްރިސްޓިއާނޯ ޖޫނިއާ ކުޅެފައިވަނީ އޭނާގެ ބައްޕަ ވެސް ކެރިއަރުގެ ބޮޑު ބައެއްގައި ކުޅުނު ވާތް ފަޅިއަށެވެ.

މި މެޗުގައި ޕޯޗުގަލް އިން ކާމިޔާބުކުރި ހަތަރުގެ ގޯލުގެ ތެރެއިން ރަފޭލް ކަބްރާލް ވަނީ ތިން ގޯލު ކާމިޔާބުކޮށް ހެޓްރިކެއް ހަދައިފަ އެވެ. އަނެއް ގޯލު ކާމިޔާބުކޮށްދިނީ ހެންރީކޭ އެވެ.

ކްރިސްޓިއާނޯ ޖޫނިއާ ،14، އަންނަނީ ރޮނާލްޑޯ ކުޅެމުން އަންނަ ސައުދީ އަރަބިއްޔާގެ އަލް ނަސްރު ޒުވާން ޓީމުގައި ވެސް ތަފާތު މޮޅު ކުޅުމެއް ދައްކަމުންނެވެ.

ޕޯޗުގަލްގެ ޒުވާން ޓީމަށް ފުރަތަމަ ފަހަރަށް މެޗެއް ކުޅެދިނުމުން ރޮނާލްޑޯ ވަނީ ދަރިފުޅަށް ސޯޝަލް މީޑިއާގައި މަރުހަބާ ކިޔައި އޭނާއާ މެދު ފަހުރުވެރިވާ ކަމަށް ބުނެފަ އެވެ.

ޖޫނިއާ އަކީ ރޮނާލްޑޯގެ ފަސް ދަރިންގެ ތެރެއިން އެންމެ ދޮށީ ދަރިފުޅެވެ.