އެމެރިކާއިން ސީރިއާއަށް އަޅާފައިވާ ދަތިކުރުމުގެ ހުރިހާ ފިޔަވަޅެއް އުވާލުމަށް ނިންމާފައިވާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.
ސީރިއާގެ ވެރިކަމުން ބައްޝާރުލް އަސަދު ދުރުކުރުމަށް ފަހު، އެގައުމުގައި މިހާރު ވަނީ އައު ސަރުކާރެއް އެކުލަވާލާފަ އެވެ. އެ ސަރުކާރުގެ ލީޑަރަކީ އަސަދު ވެރިކަމުން ދުރުކުރުމުގައި އިސް ރޯލެއް އަދާކުރި އަހުމަދު އަލް ޝަރާ އެވެ.
ސައުދީ އަރަބިއްޔާ އަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެގައުމުގެ ވެރިރަށް ރިޔާދުގައި އިއްޔެ ބޭއްވި އިންވެސްޓްމެންޓް ފޯރަމްގައި ވާހަކަފުޅުދައްކަވަމުން ޓްރަމްޕް ވިދާޅުވީ ސީރިއާ އަށް އަޅާފައިވާ ދަތިކުރުމުގެ ހުރިހާ ފިޔަވަޅެއް އުވާލަން ނިންމީ ސައުދީގެ ބޮޑުވަޒީރު މުހައްމަދު ބިން ސަލްމާން އާއި ތުރުކީގެ ރައީސް ތައްޔިބް އުރުދުގާންއާ އެކު މަޝްވަރާ ކުރެއްވުމަށްފަހު ކަމަށެވެ.
މިއީ ޒަމާންތަކަކަށް ފަހު އެމެރިކާ އާއި ސީރިއާއާ ދެމެދު ގުޅުން ގާއިމުކުރަން އަޅާ ފުރަތަމަ ފިޔަވަޅު ކަމަށާއި އުއްމީދަކީ ސީރިއާގައި މިހާރު ގާއިމުކުރެވިފައިވާ އައު ސަރުކާރާއެކު އެގައުމަށް ހަމަޖެހުން ލިބިގެންދިޔުން ކަމަށް ޓްރަމްޕް ވިދާޅުވި އެވެ.
ޓްރަމްޕްގެ މި ނިންމުމަށް ސީރިއާގެ ހާރިޖީ ވަޒީރު އަސާދު އަލް ޝައިބާނީ ވަނީ މަރުހަބާ ވިދާޅުވެފަ އެވެ. އެގޮތުން މިއީ ސީރިއާ އާރާސްތު ކުރުމުގެ ފެށުން ކަމަށާއި މިކަމުގައި އަރަބި ގައުމުތަކުން ވަކިން ހާއްސަކޮށް ސައުދީން އަދާކުރި ދައުރަށް ވަނީ ޝުކުރު އަދާކުރައްވާފަ އެވެ.
މީޑީއާ ރިޕޯޓުތައް ބުނާގޮތުން ސައުދީއަށް ޓްރަމްޕް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދުގެ ވަގުތެއްގައި ސީރިއާގެ އާ ލީޑަރު އަލް ޝަރާއާ ޓްރަމްޕް ބައްދަލުކުރައްވާނެ އެވެ.
ޓެރަރިޒަމްގެ ތުހުމަތުތަކާ އެކު 1979 ވަނަ އަހަރުން ފެށިގެން އެމެރިކާ އިން ދަނީ ސީރިއާއަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅަމުންނެވެ.