Last Updated: May 14, 16:24
Wednesday, May 14, 2025
ޚަބަރު

ޖަޕާނުން ކުޅުދުއްފުއްޓަށް ފޮތް ހަދިޔާކޮށްފި

ކުޅުދުއްފުށި ސިޓީ ޕަބްލިކް ލައިބްރަރީ އަށް ޖަޕާނުން ފޮތްތަކެއް ހަދިޔާކޮށްފި އެވެ.

ލައިބްރަރީގެ ފަރާތުން ފޮތް ހަދިޔާކުރުމުގެ ރަމްޒީ ލިޔުމުގައި ހަވާލުވެދޑައިގަތީ ކުޅުދުއްފުށީ މޭޔަރު މުހައްމަދު އާތިފެވެ. ފޮތްތައް ހަވާލުކޮށް ދެއްވީ ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ޖަޕާނުގެ ސަފީރު އިޝިގާމީ ރުމިކޯ އެވެ.

ހަދިޔާކޮށްފައި ވަނީ 178 ފޮތެވެ.

ޖަޕާނު އެމްބަސީން ފޮތްތައް ހަދިޔާކުރީ "ރީޑް ޖަޕާން" ޕްރޮޖެކްޓްގެ ދަށުން ކަަމަށެވެ. އެ ޕްރޮޖެކްޓަކީ 2008 ގައި ނިޕޯން ފައުންޑޭޝަނުން ފަށާފައިވާ މަޝްރޫޢެކެވެ. އެ މަޝްރޫޢުގެ މަގުޞަދަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި ކިޔުންތެރިންނަށް މިހާރުގެ ޖަޕާނުގެ ސައްޙަ މަންޒަރެއް ފޯރުކޮށްދިނުމެވެ.

ހަދިޔާކުރާ ފޮތްތައް ހޮވަނީ ބައިނަލްއަގުވާމީ މާހިރުންގެ ޕެނަލަކުން ކަމަށް ޖަޕާން އެމްބަސީން ބުނެ އެވެ.

އެމްބަސީން ބުނީ ކުޅުދުއްފުށީ ލައިބްރަރީ އަށް ހަދިޔާކުރި ފޮތްތަކުގެ ތެރޭގއިމައިގަނޑު ފަސް ދާއިރާއެއްގެ ފޮތްތައް ހިމެނޭ ކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ ސިޔާސަތާއި ބައިނަލްއަގުވާމީ ގުޅުންތަކާ ބެހޭ ފޮތްތަކާއި އިގުތިޞާދާއި ވިޔަފާރިއާ ގުޅޭ ފޮތްތަކާއި މުޖުތަމަޢު އާއި ސަގާފަތާ ގުޅޭ ފޮތްތަކާއި އަދަބިއްޔާތުގެ ފޮތްތަކުގެ އިތުރުން ފަންނުވެރިކަމާއި ތާރީހާ ގުޅޭ ފޮތްތަކެވެ.

"ރީޑް ޖަޕާން' ޕްރޮޖެކްޓްގެ ދަށުން މީގެ ކުރިން ގައުމީ ކުތުބުޚާނާއަށާއި މޯލްޑިވްސް ކޮލެޖް އޮފް ހަޔާ އެޑިޔުކޭޝަނާއި ހިރިޔާ ސްކޫލާއި ސިވިލް ސަވިސް ޓްރެއިނިން އިންސްޓިޓިއުޓާއި އަދި މޯލްޑިވްސް ނޭޝަނަލް ޔުނިވަސިޓީއަށް ވެސް ފޮތް ހަދިޔާކޮށްފައިވެ އެވެ.