Last Updated: May 14, 15:01
Wednesday, May 14, 2025
ޚަބަރު

މިދިޔަ މަހު އެންމެ ގިނައީ އިނގިރޭސި ޓޫރިސްޓުން

ރާއްޖެ އަށް މިދިޔަ މަހުގެ ތެރޭގައި އެންމެ ގިނައިން އައިސްފައި ވަނީ އިނގިރޭސިވިލާތުގެ ޓޫރިސްޓުން ކަމަށް ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

އިމިގްރޭޝަނުން އާންމުކުރި މިދިޔަ މަހުގެ ޓޫރިސްޓް އެރައިވަލްސްގެ ތަފާސްހިސާބުތަކަށް ބަލާ އިރު، މިދިޔަ މަހުގެ ތެރޭގައި ރާއްޖެ އަށް ޖުމްލަ 198،322 ޓޫރިސްޓުން ޒިޔާރަތްކުރި އެވެ. މިދިޔަ އަހަރުގެ އެޕްރީލްގައި އައިސްފައި ވަނީ 168،368 ޓޫރިސްޓުންނެވެ.

މިދިޔަ މަހު ރާއްޖެ އަށް އިނގިރޭސިވިލާތުން 21،909 ޓޫރިސްޓުން އައިސްފައިވެ އެވެ. އެ ގައުމު މިހާރު އޮތީ އެންމެ ގިނަ ޓޫރިސްޓުން އަންނަ 10 ގައުމުގެ ލިސްޓްގެ ތިން ވަނައިގަ އެވެ. މި މަހުގެ 12 އާ ހަމައަށް އިނގިރޭސިވިލާތުން ރާއްޖެ އަށް ޓޫރިސްޓުންގެ އަދަދަކީ 92،439 އެވެ.

މިދިޔަ މަހު ދެން އެންމެ ގިނަ ޓޫރިސްޓުން އައިސްފައި ވަނީ މިހާތަނަށް އެންމެ ގިނަ ޓޫރިސްޓުން އައި ގައުމުގެ ލިސްޓްގެ ދެވަނައިގައި އޮރް ރަޝިއާ އިންނެވެ. އެ ގައުމުން މިދިޔަ މަހު 19،723 ޓޫރިސްޓުން އައިސްފައިވާ އިރު، އެންމެ ގިނަ ޓޫރިސްޓުން އަންނަ ލިސްޓްގެ އެެއް ވަނައިގައި އޮތް ޗައިނާ އިން މިދިޔަ މަހު ރާއްޖެ އައީ 18،019 ޓޫރިސްޓުންނެވެ. އަދި މި މަހުގެ 12 އާ ހަމައަށް އެ ގައުމުން 101،814 ޓޫރިސްޓުން އައިސްފައިވެ އެވެ.

މިދިޔަ މަހު ޖަރުމަނުން 19،677 ޓޫރިސްޓުން އައިސްފައިވާ އިރު، އިޓަލީން 18،618 ޓޫރިސްޓުން އައިސްފައިވެ އެވެ. އިންޑިއާ އިން މިދިޔަ މަހު 10،388 ޓޫރިސްޓުން އައިސްފައިވާ އިރު، ސްވިޓްޒަލޭންޑުން 6،824 ޓޫރިސްޓުން އަދި ފްރާންސް އިން 6،127 ޓޫރިސްޓުން އައިސްފައިވެ އެވެ.

މީގެ އިތުރުން އެމެރިކާ އިން މިދިޔަ މަހު 5،934 ޓޫރިސްޓުން އައިސްފައިވާ އިރު، އޮސްޓްރޭލިއާ އިން 5،012 ޓޫރިސްޓުން އައިސްފައިވެ އެވެ.

އެޕްރީލް މަހާ ހަމައަށް ރާއްޖެ އަށް ޖުމްލަ 830،744 ޓޫރިސްޓުން އައިސްފައިވެ އެވެ. އަދި މި މަހުގެ 12 އާ ހަމައަށް ރާއްޖެ އަށް 893،575 ޓޫރިސްޓުން އައިސްފައިވެ އެވެ.

ރާއްޖޭގެ މި އަހަރުގެ ޓާގެޓަކީ 2.3 މިލިއަން ޓޫރިސްޓުން ގެނައުމެވެ.