ސަންލޭންޑު ހޮޓެލްސްގެ ހިއްސާދާރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ މަޝްހޫރު ވިޔަފާރިވެރިޔާ މުޙައްމަދު ނަޒީރުގެ މައްޗަށް ޣައިބަށް މިރޭ އިސްލާމީ މަރުކަޒުގައި ކަށިނަމާފު ކުރާ ގޮތަށް ހަމަޖައްސައިފިއެވެ. އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާއިން ވިދާޅުވީ،
ކަށުނަމާދު އޮންނާނީ އިޝާ ނަމާދަށް ފަހު އެވެ.
އައްޑޫ ހުޅުދު އަށް އުފަން ނަޒީރު އަވަހާރަވީ އާލަސްކަންފުޅަކަށް ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް މި މަހުގެ 10 ގައި އިނގިރޭސިވިލާތުގަ އެވެ.
ނަޒީރަކީ، ރާއްޖޭގެ ޓޫރިޒަމް ދާއިރާ ކުރިއެރުވުމަށް މުހިންމު މަސައްކަތްތަކެއް ކުރެއްވި ބޭފުޅެކެވެ.
ސަންލޭންޑް ހޮޓެލްސްގެ "ކޮކޯ ކަލެކްޝަން ރިޒޯޓް ބްރޭންޑްސް"ގެ ޑިރެކްޓަރު ނަޒީރަކީ މާކެޓިންގެ ދާއިރާއިން ވެސް ތަޖުރިބާކާރު ބޭފުޅެކެވެ.
އޭނަ އަވަހާރަވި އިރު ހުންނެވީ އިނގިރޭސިވިލާތަށް ރާއްޖެ އިން ކަނޑައަޅާފައިވާ ޓްރޭޑް އެމްބެސެޑަރުގެ މަގާމުގަ އެވެ.
ނަޒީރަކީ ކުރީގެ އިސްލާމިކް މިނިސްޓަރު މަރުހޫމް ޑރ. އަބްދުލް މަޖީދު އަބްދުލްބާރީގެ އެއްބަނޑުއެއްބަފާ ބޭބޭފުޅެވެ.