Last Updated: May 14, 17:06
Wednesday, May 14, 2025
މުނިފޫހިފިލުވުން

'ސްޕިރިޓް' އިން ދީޕިކާ އަށް 20 ކްރޯޑް

ޕްރަބާސް ބަތަލުގެ ރޯލު ކުޅެން ހަމަޖެހިފައިވާ ފިލްމު "ސްޕިރިޓް" ގެ ބަތަލާގެ ރޯލަށް ދީޕިކާ ޕަކްދޯން އެއްބަސްވީ 20 ކްރޯޑް ރުޕީސް (2.3 މިލިއަން ޑޮލަރު) އަށް ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ދީޕިކާ އަކީ މިހާރު ބޮލީވުޑްގެ އެންމެ އަގުބޮޑު ބަތަލާ އެވެ.

ބުޝަން ކުމާރުގެ ސީރީޒަށް ސަންދީލް ރެޑީ ވަންގާ ޑައިރެކްޓްކުރާ "ސްޕިރިޓް" ގެ ބަތަލާ އަކީ ދީޕިކާ ކަމަށް މީޑިއާތަކުން ރިޕޯޓްކުރަމުން ދިޔަ ނަމަވެސް، ފިލްމުގެ ޓީމުން މިކަން އަދި ކަށަވަރުކޮށެއް ނުދެ އެވެ. އެކަމަކު އޭނަ ފިލްމަށް ސޮއިކުރިކަން މިހާރު ކަށަވަރު ކަމަށް ބައެއް މީޑިއާތަކުން ބުނެެފައިވެ އެވެ.

"ސްޕިރިޓް' ގެ ޝޫޓިން ފަށަން ހަމަޖެހިފައި ވަނީ މި އަހަރުގެ އޮކްޓޯބަރު މަހުގަ އެވެ. މީގެ ޑައިރެކްޓަރަކީ 2023 ގެ އެންމެ ބޮޑެތި ހިޓްތަކުގެ ތެރޭގައި ހިމެނޭ ރަންބީރް ކަޕޫރްގެ "އެނިމަލް" ގެ ޑައިރެކްޓަރެކެވެ. "ސްޕިރިޓް" ވާނީ ދީޕިކާ އާއި ޕްރަބާސް ވެސް އޭނައާ އެކު މަސައްކަތްކުރާ ފުރަތަމަ ފަހަރަށެވެ.

އަދި މި ފިލްމު ވާނީ ޕްރަބާސްއާ އެކު ދީޕިކާ މަސައްކަތް ކުރާ ދެވަނަ ފިލްމެވެ. ދެވަނަ ބައެއް ވެސް ހަދަން ނިންމާފައިވާ ޕްރަބާސްގެ މިދިޔަ އަހަރުގެ "ކަލްކީ: 2898" އަކީ މަޝްހޫރު އެކްޓަރު ރަންވީރު ސިންގުގެ އަންހެނުން މުހިއްމު ރޯލެއް ކުޅުނު ފިލްމެކެވެ.

ރިޕޯޓްތައް ބުނާ ގޮތުން ޝާހްރުކް ޚާންގެ އާ ފިލްމު "ކިންގް" ގައި ވެސް ދީޕިކާ ހިމެނެ އެވެެ. މިދިޔަ އަހަރު ދަރިޔަކު ވެސް ލިބުނު ބަތަލާގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ އަހަރުގެ ނޮވެމްބަރުގައި ރިލީޒްކުރި "ސިންގަމް އެގެއިން" އެވެ.

ބައެއް ރިޕޯޓްތައް ބުނާ ގޮތުން "ސްޕިރިޓް" ގެ ވިލަންތަކުގެ ރޯލު ކުޅެން ދެމަފިރިން ކަމަށްވާ ސައިފް އަލީ ޚާނާއި ކަރީނާ ކަޕޫރަށް ހުށަހަޅާފައިވެ އެވެ.