Last Updated: July 15, 00:26
Monday, July 14, 2025
ޚަބަރު

ފެންނަނީ ޖުޑިޝަރީ އަށް ނުފޫޒު ފޯރުވާ ތަން

ފެންނަނީ ސަރުކާރުން ފަނޑިޔާރުގެ އަށް އަތް ބާނައި، ޖުޑިޝަރީ އަށް ނުފޫޒު ފޯރުވަން އުޅޢ މަންޒަރު ކަމަށް ޕީއެންސީ އަށް ނިސްބަތްވާ ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު އަޒާން ވިދާޅުވެއްޖެ އެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަޒްމިރާލްދާ ޒާހިރާއި މަހާޒް އަލީ ޒާހިރު ވަކި ކުރަން ހުށަހަޅާފައިވާ މައްސަލައިގައި މަޖިލީހުގެ މިއަދުގެ ޖަލްސާގައި އޭނަ ވިދާޅުވީ، ގާނޫނުއަސާސީ އިން ތިން ބާރު ވަކިވެފައި އޮތް ނަމަވެސް މިހާރު މި ފެންނަނީ ވެރިކަމުގެ ބާރުން އަދުލް އިންސާފު ގާއިމް ކުރުމުގެ ބާރަށް ނުފޫޒު ފޯރުވާ މަންޒަރު ކަމަށެވެ.

"ގާނޫނުއަސާސީ ވުޖޫދި ފަހުން ކޮންމެ ވެރިކަމެއްގައި ވެސް އަޅުގަނޑުމެންނަށް ފެނުނީ ފަނޑިޔާރުގެއަށް އަތް ބާނާ ތަނ،" އަޒާން ވިދާޅުވި އެވެ. "ޖުޑިޝަރީއަށް ނުފޫޒު ފޯރުވާ ތަން. އެއިރު ވެސް މިހާރު ވެސް ފެންނަމުން މި ދަނީ ހަމަ އެ މަންޒަރު."

އޭނަ ވިދާޅުވީ ފަނޑިޔާރެއް ވަކިކުރާ ނަމަ އެކަން ކުރަން ޖެހޭނީ ގާނޫނުތަކާއި ގަވާއިދުތަކާއި އިޖުރާއަތްތަކާއި ބައިނަލްއަގުވާމީ ބެސްޓް ޕްރެކްޓިސްއާ އެއްގޮތަށް ކަމަށެވެ.

"ސުޕްރީމް ކޯޓަކީ އަދުލް އިންސާފު ގާއިމް ކުރުމުގެ އެންމެ މަތީ މަރުހަލާ. ސުޕްރީމް ކޯޓުގައި ތިއްބަވަން ޖެހޭނީ ނަޒާހަތްތެރި ފަނޑިޔާރުން. އެ ފަނޑިޔާރުންގެ ސުލޫކީ މައްސަލައެއް ކުރިމަތިވެއްޖެ ނަމަ އެކަންތައްތައް ބަލަން ޖެހޭނެ. އެއީ ނަޒާހާތްތެރިކަން ކަށަވަރު ކުރުމަށްޓަކައި،" އަޒާން ވިދާޅުވި އެވެ. "އެހެން ނަމަވެސް އެކަންތައްތައް ކުރަންޖެހޭނީ ދިވެހިރާއްޖޭގައި ހެދިފައި ހުރި ގާނޫނުތަކާއި ގަވާއިދުތަކާއި އިޖުރާއަތްތަކާއި އިންޓަނޭޝަނަލް ބެސްޓް ޕްރެކްޓިސްތަކާ އެއްގޮތްވާ ގޮތުގެ މަތިން."

ނަމަވެސް ފަނޑިޔާރުންތަކެއް ވަކި ކުރަން ޖުޑިޝަލް ސާވިސް ކޮމިޝަން ޖޭއެސްސީ) އިން ނިންމައި އެތަނުން ފޮނުވި ރިޕޯޓު މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން ފާސްކުރީ ގާނޫނުތަކާއި ގަވާއިދުތަކާއި އިޖުރާއަތްތަކާއި ބައިނަލްއަގުވާމީ ބެސްޓް ޕްރެކްޓިސްއާ ހިލާފަށް ކަމަށް އަޒާން ވިދާޅުވި އެވެ.

"މިހާރު އަޅުގަނޑުމެން ބަހުސް ކުރަމުންދާ ރިޕޯޓު، މިކަންތައްތަކަށް ބަލައިލާއިރު، އެކަންތައްތައް ހިނގާފައި ވަނީ މުޅިއަކުން އެ މަގުންނޭ ދެންނެވޭކަށް ނެތް،" އަޒާން ވިދާޅުވި އެވެ. "ޖޭއެސްސީއިން މައްސަލަ ބެލިއިރު ހުރިހާ މައްސަލައެއް ސިއްރު. އިއްޒަތްތެރި މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއިން އެ ރިޕޯޓު ދިރާސާ ކުރެއްވި އިރު ކޮމިޓީ ސިއްރު."

އޭނަ ވިދާޅުވީ ރާއްޖޭގައި އަދުލް އިންސާފު ލިބެނީ، ވެރިކަމުގައި ތިބޭ ބޭފުޅުން ދެއްވުމުން ކަމަށެވެ.

"އަދުލު އިންސާފަކީ މި ގައުމުގައި ނިކަމެތިންނަށް ލިބޭ އެއްޗެއް ނޫން. އެއީ އެއިރު ވެރިކަމުގައި ތިއްބަވާ ފަރާތަކުން ދެއްވީމަ ލިބޭ އެއްޗަކަށްވެފައި މި އޮންނަނީ،" އަޒާން ވިދާޅުވި އެވެ. "އިއްޒަތްތެރި ރައީސް ދިވެހިރާއްޖޭގައި ގޮސްފި ފުލުސް ކޯޓު ހަދައިގެން ދިވެހި ރައްޔިތުން ޖަލަށްލި ޒަމާނެއް ވެސް. އޭގެ ފަހުން އަޅުގަނޑުމެން ގާނޫނުއަސާސީއެއް ހަދައިގެން ފަނޑިޔާރުގެއާއި ވެރިކަމުގެ ބާރާއި މަޖިލިސް މި ތިން ބާރު ވަކިކޮށް ވެރިކަން ކުރަމުން މި ދަނީ."

އޭނަ ވަނީ މިހާރު ވަކިކުރަން އުޅޭ ދެ ފަނޑިޔާރުންނަށް ޖަވާބުދާރީވުމުގެ ފުރުސަތު ވެސް ދެއްވުމަށް ގޮވާލައްވައިފަ އެވެ.