ރާއްޖޭގައި މިހާރު އަދުލު އިންސާފެއް ނެތް ކަމަށާއި ހުރިހާ ހައްގެއް އޮތީ މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒަށް ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ޖަމީލު ވިދާޅުވެއްޖެ އެވެ.
ސުޕްރީމް ކޯޓުންގެ ފަނޑިޔާރުންގެ ތެރޭގައި ހިމެނޭ މަހާޒް އަލީ އާއި އަޒްމިރަލްދާ ވަކިކުރަން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކުރުމާ ގުޅިގެން ސޯޝަލް މީޑިއާ ޕޯސްޓެއްގައި ޖަމީލު ވިދާޅުވީ މިއަދު ވެސް މަޖްލިސް މެމްބަރުން ގާނޫނުއަސާސީގެ ސިޔާދަތު ނެގެހެއްޓުމުގެ ބަދަލުގައި، ގާނޫނު އަސާސީގެ 7 ވަނަމާއްދާގެ ބާރު ކަނޑުވާލާފައިވާ ކަމަށެވެ.
"ފަނޑިޔާރުން ވަކިކުރީ މެޖޯރިޓީ އޮތީމަކަމަށް ވިޔަސް، ތިޔަކަމުގެ ގެއްލުން ގައުމަށް ވަރަށް ބޮޑުވާނެ." އޭނަ ވިދާޅުވި އެވެ.
ޖަމީލު ވިދާޅުވީ އަދުލު އިންސާފު ނެތް ގައުމަކަށް ވިޔަފާރި އާއި އިގުތިސާދީ މަޝްރޫޢެއް ބަޔަކު ގެންނަން ބޭނުން ނުވާނެ ކަމަށާއި
ރައީސް މުއިއްޒު ފިޔަވައި އެއްވެސް ރައްޔިތަކަށް ރައްކާތެރިކަމެއް، ބާރެއް އަދި އެއްވެސް ޒާތެއްގެ ޙަައްގެއް ވެސް ނެތްކަން މިއަދު ޕީއެންސީގެ މަޖްލިސް މެމްބަރުން ސާބިތުކޮށް ދީފި ކަމަށެވެ.
"މަޖިލިހުގެ ބާރާއި، ބަޖެޓް އެއްކޮށް ރައީސް އަތަށް ދީފައި، ސުޕްރީމް ކޯޓްވެސް ރައީސަށް ދީފައި ތިން ބާރުގެ ވެރިޔަކަށް ރައީސް ވުމުންވެސް ކުޑަމިނުން ކަންމަތީ ފިހާރަގަނޑު ހިންގާ މީހާއަށްވުރެ ރައީސް ގައުމު ހިންގަވާ ޙާލުދިޔައީ ދަށަށް،" އޭނަ ވިދާޅުވި އެވެ. "މަ ކޮން މޮޅެއް ގައުމަށް އޮތީ؟"
ޖަމީލު ވިދާޅުވީ މުއިއްޒުގެ މަޖްލިސް މެމްބަރުންނަށް މި ވަގުތު މުހިއްމީ ލިބޭ ސިޓީ އުރަ ނުވަތަ ރިޝްވަތު ކަމަށެވެ.
"އުމު އެކީ ސުންނާފަތި ކޮށްލާފައި، މާދަމާ ދަރިންކޮޅު ހާލުގައި ޖެހި، ބޭއިންސާފުގެ ޝަކުވާ އުފުލީމަ ކަރުނަ ތިއްކެއް ވައްޓާލާނެ އެކަކުވެސް ހުންނާނެބާ؟" އޭނަ ވިދާޅުވި އެވެ. "ހާދަ ގިނަ ކުރީގެ މަޖްލިސް މެމްބަރުން މިއަދު ހާދަ ހާލުގައި އެބަ އުޅެއޭ. ގިނަ މީހުންނަށް ބެދޭ މަޅިއެއް ނުފެންނާނެ."