Last Updated: May 14, 17:27
Wednesday, May 14, 2025
ޚަބަރު

މިއީ ޖުޑިޝަރީއަށް ދިން ހަމަލާއެއް: އަޒްމިރަލްދާ

ޑރ. އަޒްމިރަލްދާ ޒާހިރު

ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަގާމުން ވަކި ކުރުމަކީ މުޅި ޖުޑިޝަރީއަށް ދިން ހަމަލާއެއް ކަމަށާއި އޭނާ ފްރޭމްކުރުމުގައި ބައިވެރިވި މީހުންނަށް ހައްގު އަދަބު ލިބޭތަން ދެކެން ބޭނުންވާ ކަމަށް އަޒްމިރާލްދާ ޒާހިރު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުން މިއަދު ވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމުން އަޒްމިރަލްދާ އާއި މަހާޒު އަލީ ޒާހިރު ވަކިކޮށްފަ އެވެ.

އަޒްމިރަލްދާ ނެރުއްވި ބަޔާނެއްގައި ވިދާޅުވީ އޭނާއަށް މިއަދު އިންސާފު ނުލިބުނު ކަމަށާއި ނަމަވެސް މިއީ ހަމައެކަނި އޭނާ އާއި މަހާޒު އަދި ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު ހުސްނުއްސުއޫދަށް ފަރުދީ ގޮތުން ރައްދުވި ހަމަލާއެއް ނޫން ކަމަށެވެ.

"މިއީ ރާއްޖޭގެ ޖުޑިޝަރީއަށް ދިން ހަމަލާއެކެވެ. ސުޕްރީމް ކޯޓު ހުއްޓުވާލުމަކީ އާދައިގެ ކަމެއް ނޫނެވެ. ލުއި ގޮތަކަށް އަތުން ފޮޅާލެވޭވަރު ކަމެއް ނޫނެވެ. އަޅުގަނޑު އުއްމީދު ކުރަނީ މި ގައުމުގައި ގާނޫނުގެ ވެރިކަން ހިނގާ ދުވަހަކުން އަޅުގަނޑު ފޮނުވާފައި ހުރި ސިޓީތަކުގެ އަލީގައި ފިޔަވަޅު އެޅި މި ގައުމުގައި ސުޕްރީމް ކޯޓު ފުނޑާލުމުގައި ބައިވެރިވި އެކި ފަންތީގެ އެންމެހައި ވެރިންނާއި މުވައްޒަފުންގެ މައްސަލަތައް ބަލައި އިންސާފު ގާއިމު ކުރެވޭނެ ކަމަށް،" އަޒްމިރަލްދާ ވިދާޅުވި އެވެ.

އަޒްމިރަލްދާ ވިދާޅުވި ގޮތުގައި ޝަރުއީ ދާއިރާގައި ހޭދަކުރި 24 ވަރަކަށް އަހަރު ދުވަހުގެ ތެރޭގައި ދުވަހަކު ވެސް މަގާމުގެ ނަހަމަ ބޭނުންކޮށްގެން އަމިއްލަ ފައިދާއަކަށްޓަކައި ނުވަތަ އެހެން މީހެއްގެ ފައިދާއަކަށް ވެސް އެއްވެސް ފަރާތެއްގެ މައްޗަށް ނުފޫޒު ފޯރުވާފައެއް ނޯންނާނެ އެވެ. އަދި މިއަދު ފަނޑިޔާރު ކަމުގެ މަގާމުން ވަކިކޮށްފައިވަނީ އޭނާގެ މައްޗަށް ތަހުގީގު ކުރުމުގެ މާކުރިން ނިޔާ ކަނޑައަޅާފައިވާ މައްސަލައެއްގައި ކަމަށްވެސް ވިދާޅުވި އެވެ.

މި ހުރިހާ ކަމެއްގެ ތެރޭގައި ވެސް ނުފޫޒަކަށް ދީލާނުލައި އަބުރާއި ނަފްސު ދިފާއުކުރަން ނިކުތީ މައްސަލަ ނިމޭނީ މިގޮތަށްކަން ނޭނގި ނޫން ކަމަށާއި ނަމަވެސް ބޭނުންވީ ރާއްޖޭގައި ފަނޑިޔާރުން ތިބޭ ނިކެމަތި ހާލަތު މުޅި ގައުމަށް ފެންނަން ކަމަށް އަޒްމިރަލްދާ ވިދާޅުވި އެވެ.

މީގެއިތުރުން އަޒްމިރަލްދާ ވަނީ ދައުލަތުގެ ވަސީލަތްތައް ބޭނުންކޮށްގެން މައުސޫމް މީހުން ފްރޭމްކުރުމުގައި ބައިވެރިވި ކުށްކުރި މީހުންނަށް ކޮންމެވެސް ދުވަހަކުން އިންސާފުވެރި އިޖުރާއަތަކުން ހައްގު އަދަބު ލިބޭތަން ދެކެން ބޭނުންވާ ކަމަށްވެސް ވިދާޅުވެފަ އެވެ.