ހދ. ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީ ކުރުމުގެ މަސައްކަތުގެ 83 ޕަސެންޓް ނިމިއްޖެ އެވެ.
ހަނިމާދޫ އެއާޕޯޓް ހިންގާ ރީޖަނަލް އެއާޕޯޓްސް އިން ފޭސްބުކްގައި ކުރި ޕޯސްޓެއްގައި ބުނީ އެ އެއާޕޯޓް ތަރައްގީ ކުުރުމުގެ މަސައްކަތުގެ 83 ޕަސެންޓް ނިމި، އެ މަޝްރޫއު ނިންމުމުގައި ބޮޑު ކުރިއެރުމެއް ލިބިފައިވާ ކަމަށެވެ.
ރާއްޖޭގެ އެންމެ އުތުރުގައި ހިމެނޭ އެއާޕޯޓްތަކުގެ ތެރެއިން ހަނިމާދޫ އެއާޕޯޓް ތަރައްގީ ކުރަން ހަވާލުކޮށްފައިވަނީ އިންޑިއާގެ ޖޭއެމްސީ ޕްރޮޖެކްޓްސްއާ އެވެ. މި މަޝްރޫއުއަކީ އިންޑިއާގެ އެގްޒިމް ބޭންކުގެ ލޯނު ފައިސާ އިން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ މަޝްރޫއުއެކެވެ.
މި މަޝްރޫއުގެ ދަށުން ހަނިމާދޫގައި 2460 މީޓަރުގެ އާ ރަންވޭއަކާއި، 111،000 އަކަފޫޓުގެ ޒަމާނީ ޓާމިނަލެއް ގާއިމުކުރުމަށް ވަނީ ހަމަޖެހިފަ އެވެ. އަދި 624،000 އަކަފޫޓުގެ އޭޕްރަން އަކާއި ބައިނަލްއަގުވާމީ ދަތުރުތައް ފުޅާކުރުމަށް ބޭނުންވާ އެހެނިހެން ވަސީލަތްތައް ވެސް ގާއިމުކުރުމަށް ވަނީ ނިންމާފަ އެވެ.
މި އެއާޕޯޓުގެ ޓާމިނަލް ފަރުމާ ކުރެވިފައިވަނީ ދިވެހި ކަނޑުތަކުގައި ދިރިއުޅޭ މަޑި ސިފަވާނެ ފަދަ ދިވެހިވަންތަ ފަރުމާ އަކަށް ކަމަށްވާއިރު އެއާޕޯޓު ތަރައްގީ ކުރަނީ އަހަރަކު 1.3 މިލިއަން ފަސިންޖަރުންނަށް ހިދުމަތްދެވޭނެ ވަސީލަތްތަކާއެކުގަ އެވެ.