Last Updated: May 14, 20:37
Wednesday, May 14, 2025
ޚަބަރު

އޮޅު ހިޔާ އަށް 1.2 ބިލިއަން ހަރަދުވާނޭ ބުނެވުނީ އޮޅުމަކުން

މާލެ ސަރަހައްދުގެ މަގުތަކުގައި އުޅޭ ބުޅާތައް ބަލަހައްޓަން ހެދި "އޮޅުހިޔާ" ހިންގަން އަހަރަކު 1.2 ބިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް ދެންނެވުނީ އޮޅުމަކުން ކަމަށް ޖަނަވާރާ ބެހޭ މިނިސްޓަރު، ޑރ. މަރިޔަމް މާރިޔާ ވިދާޅުވެއްޖެ އެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މާރިޔާ ވިދާޅުވީ ރަނގަޅު ގޮތަކީ ނަން ރިކަރަންޓް ޚަރަދުގެ ގޮތުގައި ޚަރަދުވާނީ 1.2 މިލިއަން ރުފިޔާ ކަމަށާއި މިކަމަށް މަޢާފަށް އެދި ރަނގަޅު ގޮތް ދަންނަވާލީ ކަމަށެވެ.

"ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އިއްޒަތްތެރި މެންބަރަކު ކުރެއްވި ސުވާލުގެ ޖަވާބުގައި ނަން ރިކަރެންޓު ހަރަދުގެ ގޮތުގައި ހަރަދުވާނީ 1.2 ބިލިއަން ރުފިޔާ ކަމަށް އަޅުގަނޑަށް ދެންނެވުނީ އޮޅުމަކުން. ރަނގަޅު ގޮތަކީ ނަން ރިކަރެންޓް ހަރަދުގެ ގޮތުގައި ހަރަދުވާނީ 1.2 މިލިއަން ރުފިޔާ،" މާރިޔާ ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެމްބަރު މުހައްމަދު އިބްރަހީމް (ކުޑޫ) ކުރެއްވި ސުވާލެއްގެ ޖަވާބުގައި މިނިސްޓަރު ވިދާޅުވީ ފެސިލިޓީގައި 2،000 ބުޅަލަށް މަހަކު 700،000ރ. ރުފިޔާ ހަރަދުވާނެ ކަމަށާއި، ކޮންމެ ތިން މަހަކުން 3.4 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށެވެ.

"އަހަރަކު 10.8 މިލިއަން ރުފިޔާ ހަރަދުވާނެ. ފެސިލިޓީގެ ޖުމުލަ ބަޖެޓުން ބުޅަލަކަށް މަހަކު 368 ރުފިޔާ ހަރަދުވާނެ. އަދި ފެސިލިޓީގެ ޖުމްލަ ބަޖެޓުން ބުޅަކަށް އަހަރަކު 5،416 ރުފިޔާ ހަރަދުވާނެ." މާރިޔާ ވިދާޅުވި އެވެ.

ބުޅާ ފެސިލިޓީގައި މިހާރު 30 ބުޅާ ބަލަހައްޓަމުން އާދެ އެވެ.

ހުޅުމާލޭގެ ފޭސް ދޭއްގެ 5،000 އަކަފޫޓުގެ ބިމެއްގައި ގާއިމުކޮށްފައިވާ ބުޅާ ފެސިލިޓީއަކީ 24 ގަޑިއިރު ހިދުމަތްދޭ ފެސިލިޓީއެކެވެ. އެ ފެސިލިޓީގެ މައިގަނޑު މަގުސަދަކީ މާލެ ސަރަހައްދުގެ ޕާކުތަކާއި މަގުތަކާއި އެ ނޫން ވެސް އާންމު ތަންތަނުގައި އުޅޭ ބުޅާތަކަށް ގެންގޮސް ބެލެހެއްޓުމެވެ.