Last Updated: May 14, 20:54
Wednesday, May 14, 2025
ޚަބަރު

ފަނޑިޔާރުން ވަކިކުރީ ގާނޫނާ ހިލާފަށް، ޖުޑިޝަރީއަށް އިތުބާރު ގެއްލޭނެ

އެމްޑީޕީން ބޭއްވި ޖަލްސާގެ ތެރެއިން - ފޮޓޯ: އެމްޑީޕީ

ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުން، ޑރ. އަޒްމިރަލްދާ ޒާހިރާއި މަހާޒް އަލީ ޒާހިރު ވަކިކުރީ ގާނޫނާ ޚިލާފަށް ކަމަށާއި، އެކަމުގެ ސަބަބުން ރާއްޖޭގެ ޖުޑިޝަރީއަށް އޮތް އިތުބާރު އެއްކޮށް ގެއްލޭނެ ކަމަށް އެމްޑީޕީން ބުނެފި އެވެ.

އެމްޑީޕީން ނެރުނު ބަޔާނުގައި ބުނީ އެ ދެ ފަނޑިޔާރުން ވަކިކުރުމަކީ އަދުލު އިންސާފު ގާއިމުކުރުމުގެ ބާރު ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ފުރިހަމަ ކޮންޓްރޯލްގެ ދަށަށް ގެނައުމަށް ހިންގި ޣައިރު ދުސްތޫރީ އަދި ޣައިރު ގާނޫނީ އަމަލެއް ކަމަށެވެ.

ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އަށް ރައީސް މުއިއްޒުގެ ބާރު ހިނގާ ކަމަށް ތުހުމަތުކޮށް އެމްޑީޕީން ބުނީ ފަނޑިޔާރުން ވަކިކުރުމުގެ މަރުހަލާތައް ކުރިއަށް ގެންދިޔައީ ވެސް އަމަލުކުރަމުން އަންނަ އުސޫލުތައް މުގުރާލައި، ގާނޫނުތަކާ ޚިލާފަށް ކަމަށެވެ.

އެމްޑީޕީގެ ނޫސް ބަޔާނުގައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ކައުންސެލް ޖެނެރަލް އަލްއުސްތާޛާ ފާޠިމަތު ފިލްޒާ، މި މައްސަލާގައި ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީއަށް ދެއްވި ލަފާގައި ފަނޑިޔާރުންގެ މައްސަލަތައް ޖޭއެސްސީން ބަލާފައިވަނީ ޤާނޫނާ ޚިލާފަށްކަން ވަރަށް ސާފުކޮށް ބަޔާންކޮށްފައިވާ ކަމަށް ބުނެފައެވެ.

މީގެ އިތުރުން، ކޮމިޓީ މަރުޙަލާގައި ދެ ފަނޑިޔާރުންނަށް ވެސް ޖަވާބުދާރީވުމުގެ ފުރުސަތު ދީފައިނުވާ ކަމަށާއި، އެ ފަނޑިޔާރުންގެ މައްޗަށް ކޮށްފައިވާ "އެއްވެސް އަސާސެއް ނެތް ދޮގު ތުހުމަތުތަކުން" ދިފާޢުވުމުގެ ޙައްޤުން މަޙްރޫމް ކޮށްފައިވާ ކަމަށް އެމްޑީޕީން ބުނެފައިވެ އެވެ.

އެމްޑީޕީން ވަނީ ފަނޑިޔާރުން ވަކިކުރުމުގެ އެންމެހާ ކަމެއް ކުރިއަށްގެންގޮސްފައިވަނީ ބައިނަލްއަޤްވާމީ މިންގަނޑުތަކާއި އުސޫލުތަކާއި އިންސާފުގެ ހަމަތަކާއި ރާއްޖޭގެ ޤާނޫނުތަކާ ޚިލާފަށް ކަމަށް ބުނެ ފައެވެ. އަދި މިއީ ރާއްޖޭގެ ޖުޑީޝިއަރީއަށް އޮތް އިތުބާރު އެއްކޮށް ގެއްލިގެންގޮސް، ފޫނުބެއްދޭ ވަރުގެ ގެއްލުންތަކެއް ޤައުމަށް ލިބޭނެ ކަމެއް ކަމަށް އެ ޕާޓީން ވަނީ ބުނެފަ އެވެ.