ވެރިކަން ބަދަލުވާ ކޮންމެ ފަހަރަކު ފަނޑިޔާރުން ބަދަލުކުރުމަކީ ގޯހެއް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުން މިއަދު ވަނީ، ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން ކަމަށްވާ ޑރ. އަޒްމިރަލްދާ ޒާހިރާއި މަހާޒު އަލީ ޒާހިރު ފަނޑިޔާރުކަމުން ވަކިކުރަން ފާސްކޮށްފަ އެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ނަޝީދު ވިދާޅުވީ ވެރިކަން ބަދަލުވާ ކޮންމެ ފަހަރަކު ފަނޑިޔާރުން ބަދަލު ކުރަން ޖެހޭ ކަމަށް އާ ވެރިންގެ ހިތަށް އަރާވަޑައިގަތުމަކީ ވަރަށް ބޮޑު ދެރައެއް ކަމަށެވެ.
"ރައީސް ބޭނުންވާ ވާއިރަށް ފަނޑިޔާރުން ބަދަލު ކުރުމަކީ ފެހި ގާނޫނު އަސާސީން ތަސައްވުރު ކުރި ގޮތެއް ނޫން. އެކަމަކު މި ގާނޫނު އަސާސީ ބައްޓަންކޮށްފައި މިވަނީ އުއްމީދު ކުރި ގޮތާ ހިލާފަށް ރަސްކަމެއް ފަދަ ރިޔާސީ ނިޒާމެއް،" ނަޝީދު ވިދާޅުވި އެވެ.
ނަޝީދު ވިދާޅުވި ގޮތުގައި 2008ގައި އާ ގާނޫނު އަސާސީއަށް އަމަލު ކުރަން ފެށުމާއެކު އާ ސުޕްރީމް ކޯޓު އެކުލަވާލަން ޖެހުނު ކަމަށާއި އެއަށް ފަހު، 2013 އާއި 2018 އަދި 2023ގެ އިންތިހާބުތަކަށް ފަހުގައި، ކޮންމެ ވެރިކަމަކުން ވެސް ފަނޑިޔާރުން ބަދަލުކޮށްފައި ކަމަށެވެ.
"އެއީ ވަރަށް ބޮޑު ދެރައެއް، އަދި ގޯހެއް. މިކަން ނުވާނެ ގޮތަކަށް ނިޒާމް ބަދަލު ކުރަން ޖެހޭ،" ނަޝީދު ވިދާޅުވި އެވެ.
ފަނޑިޔާރު އަޒްމިރާލްދާ އާއި ފަނޑިޔާރު މަހާޒް ވަކިކުރަން ޖޭއެސްސީން ނިންމީ މަސާޖު ޕާލާއަކުން ހައްޔަރުކުރި އަޒްމިރާލްދާގެ ފިރިކަލުން ޑރ. އިސްމާއިލް ލަތީފުގެ ބަންދާމެދު ގޮތެއް ނިންމަން ހާޒިރުކުރުމުން ފަނޑިޔާރުންތަކަކަށް ނުފޫޒު ފޯރުވިކަމަށް ބުނާ މައްސަލައަކާ ގުޅިގެންނެވެ.
ސުޕްރީީމް ކޯޓްގެ ފަނޑިޔާރުން ވަކިކޮށްފައި މިވަނީ އެކަމާ ވަރަށް ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކޮށް، ޖުޑިޝަރީ އަށް ސަރުކާރުން ނުފޫޒު ފޯރުވަމުންދާ ކަމަށް ތުހުމަތު ކުރަމުން ދަނިކޮށެވެ.
މަހާޒާއި އަޒްމިރަލްދާ ވަކިކޮށްފައި މި ވަނީ ތުހުމަތުތަކަށް ޖަވާބުދާރީވާން ފުރުސަތަކަށް އެދިވަޑައިގަތުމުން، އެ ފުރުސަތު ވެސް ނުދީ އެވެ.