Last Updated: May 14, 20:54
Wednesday, May 14, 2025
ޚަބަރު

ހުޅުމާލޭގައި ޒަމާނީ ނާސަރީއެއް ހަދަނީ

ގަހަށް ހާއްސަކޮށްގެން ހުޅުމާލޭގައި ޒަމާނީ ފެންވަރުގެ ނާސަރީއެއް ހަދަން އެއްބަަސްވުމެއްގައި ސޮއިކޮށްފި އެވެ.

މި އެއްބަސްވުން މިއަދު ހަދާފައި ވަނީ އެންވަޔަރަމަންޓް މިނިސްޓްރީ އާއި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާ ދެމެދު އެވެ. މިއީ ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ހަދަން ހަމަޖެހިފައިވާ ނާސަރީއެކެވެ.

މިނިސްޓްރީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓަރު ތޯރިގު އިބްރާހީމެވެ. އެޗްޑީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓާ މުހައްމަދު މައުރޫފު ޖަމީލެވެ.

މިނިސްޓްރީން ބުނީ އެއްބަސްވުމުގެ ދަށުން އެޗްޑީސީން 55،000 އަކަފޫޓުގެ ބިމެއްގަައި ނާސަރީއެއް ޑިޒައިންކޮށް ހަދާނެ ކަމަށެވެ.. ޑިޒައިން މިހާރު އޮތީ ނިންމައިފަ އެވެ.

އެ ނާސަރީގައި ލެބޯޓަރީއަކާއި ތަމްރީނުދޭ ކޮޓަރިތަކާއި އޮފީސް ބައެއްގެ އިތުރަށް ގްރީންހައުސްއެއްވެސް ހުންނާނެ އެވެ.

މި ނާސަރީއަކީ ސަރުކާރުން ފަށާފައި އޮތް ފަސް މިލިއަން ގަސް ޕްރޮގުރާމަށް ބޭނުންވާ ގަސް އުފެއްދުމަށާއި އެ ޕްރޮގުރާމަށް ފަހުވެސް ބޭނުންވާ ގަސް އުފެއްދުމަށް ހާއްސަކުރާ ނާސަރީއެކެވެ.