Last Updated: May 15, 11:03
Thursday, May 15, 2025
ރިޕޯޓް

ތިބާއާ ﷲ ދެމެދުވާ ދޮރުތައް ބަންދު ނުކުރާށެވެ!

سهيل بن عمرو رضي الله عنه އާއި އެކަލޭގެފާނުގެ އަނބިކަނބަލުން ދަތުރެއްގައި ވަޑައިގަތެވެ. ދަތުރު މަތީގައި މަގުފޭރޭ ބަޔަކާ ދިމާވެ އެމީހުން އެ ދެމަފިރީންގެ އަތުގައި ހުރިހާ އެއްޗެއް ފޭރިގަތެވެ. ކާބޯތަކެއްޗާއި މުދާލައި ފައިސާ އެވެ. މަގުފޭރޭ މީހުން އެމީހުން އަތުލައިގަތް ކާބޯތަކެތި ކާން އިށީނދެ ތިއްބެވެ.

ނަމަވެސް އެ މީހުންގެ ވެރިޔާ ކެއުމުގައި ބައިވެރިއެއް ނުވެ އެވެ. މިކަން سهيل بن عمرو رضي الله عنه އަށް ފާހަގަ ކުރެއްވިގެން އެކަމާ ބެހޭ ގޮތުން ސުވާލު ކުރެއްވި އެވެ. ތިބާ އެމީހުންނާ އެކު ކެއުމުގައި ބައިވެރި ނުވަނީ ކީއްވެގެން ހެއްޔެވެ؟ ޖަވާބުގައި އޭނާ ބުންޏެވެ.

އަހަރެން މިހިރީ ރޯދަޔަށެވެ. އަދި ބުންޏެވެ. އަހަރެންގެ ވެރިރަސްކަލާނގެއާ އަހަރެންނާ ދެމެދުގައި އަބަދު ވެސް ދޮރެއް ހުޅުވައިފައި ބަހައްޓަމެވެ. އެއީ ކޮންމެ ވެސް ދުވަހަކު އަހަރެން އެ ދޮރުން ވަނުމަށްޓަކަ އެވެ.

އޭގެ އަހަރެއް ނުވަތަ ދެ އަހަރެއް ފަހުން سهيل بن عمرو رضي الله عنه އަށް ޙައްޖުން އެމީހާ ފެނިވަޑައިގަތެވެ. އެ މީހާ ހުރީ ކަޢްބާގެ ކިސްވާގައި އެލިގަނެގެންނެވެ. އޭރު އޭނާ އަކީ ޒާހިދު އަޅުވެރިއެކެވެ. سهيل بن عمرو رضي الله عنه އަށް އެމިހާ ފެނިވަޑައިގެން، މުޚާޠަބު ކުރައްވައި ވިދާޅުވި އެވެ. ތިބާ ބުނީ ތެދެކެވެ. "މީހަކު އެ މީހާ އެކަލާނގެއާ ދެމެދުގައި ދޮރެއް ހުޅުވައިފައި ބަހައްޓައިފި ނަމަ، ކޮންމެ ވެސް ދުވަހަކުން އެ ދޮރުން އެ މީހާ ވަންނާނެ އެވެ."

ވާހަކައިން ލިބޭ ޢިބުރަތަކީ، ތިބާ އާއި އެކަލާނގެއާ ދެމެދުގައިވާ ހުރިހާ ދޮރެއް ބަންދު ނުކުރާށެވެ. އެއީ ތިބާއަކީ ކިތަންމެ ބޮޑު އުރެދުންތެރިޔަކަށް ވިޔަސްމެއެވެ. ނުވަތަ ކިތަންމެ ގިނަ ފާފައެއް ކުރަމުންދާ މީހަކު ކަމުގައި ވިޔަސް މެ އެވެ. ފަހަރެއްގައި އެ ދޮރުގެ ސަބަބުން ތިބާއަށް ސުވަރުގެ ވަނުމަށްޓަކައި އެތައް ދޮރުތަކެއް ހުޅުވިގެން ހިނގައިދާނެ އެވެ. (نوادر العرب الجميلة/ ابراهيم وصفي)

ނޯޓް: މިއީ ޝައިހް މޫސާ އަންވަރު ހަސަންގެ ލިޔުމެކެވެ.