Last Updated: July 22, 18:06
Wednesday, July 22, 2026
ޚަބަރު

ސިޔާސީ މުވައްޒަފުންގެ ފެންވަރު އިތުރުކުރަން ޕްރޮގްރާމެއް

ސަރުކާރުގެ އެކި އިދާރާތަކަށް އައްޔަން ކުރާ ސިޔާސީ މުވައްޒަފުންގެ މަސައްކަތުގެ ފެންވަރާއި ގާބިލުކަން އިތުރުކުރުމަށް، ހާއްސަ ޕްރޮގްރާމެއް މިއަދު ފަށައިފި އެވެ.

ރައީސް އޮފީހުން ބުނިގޮތުގައި މިއީ، 'އެގެޒެކެޓިވް ޑިވެލޮޕްމެންޓް ޕްރޮގްރާމް' ނުވަތަ އީޕީޑީގެ ނަމުގައި ސިވިލް ސާވިސް ޓްރެއިނިން އިންސްޓިޓިއުޓް (ސީއެސްޓީއައި)ގެ އެހީގައި ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.

ޕްރޮގްރާމްގެ މަގުސަދަކީ ސަރުކާރުގެ އެކި މިނިސްޓްރީތަކަށް ސިޔާސީ ގޮތުން އައްޔަން ކުރާ މީހުން ހިމެނޭ ގޮތަށް، ސަރުކާރުގެ އިސް ބޭފުޅުންގެ މަސައްކަތުގެ ފެންވަރު ރަނގަޅުކުރުމެވެ.

‎މި ޕްރޮގްރާމްގެ ދަށުން، ހިންގުމުގެ ހުނަރުތައް ދަސްކޮށްދިނުމާއި، އިދާރާތަކުގެ މެދުގައި މުޢާމަލާތްކުރުމުގައި ހުރި ހިރާސްތައް ހަމަޖެއްސުމާއި، އިދާރީ އޮނިގަނޑަށް ގެނެވޭނެ ހެޔޮ ބަދަލުތަކުގެ މައްޗަށް އަލިއަޅުވާލުމަށް ހަމަޖެހިފައިވެ އެވެ.

ރައީސް އޮފީހުން ބުނި ގޮތުގައި މި ޕްރޮގްރާމް ހިންގުމަށް ހަމަޖެހިފައިވަނީ އިންޓަރެކްޓިވް ލެކްޗަތަކާއި، ސެމިނާ އަދި މަސައްކަތު ބައްދަލުވުންތަކާއި ދާއިރާގެ ތަޖުރިބާކާރުންގެ ސެޝަންތަކުގެ ޒަރިއްޔާއިން ކަމަށެވެ.

މި ޕްރޮގްރާމްގެ ފުރަތަމަ ސެޝަން ނަންގަވައިދެއްވީ، މޯލްޑިވްސް އެސޯސިއޭޝަން އޮފް ހިއުމަން ރިސޯސް ޕްރޮފެޝަނަލްސް (އެމްއޭއެޗްއާރްޕީ)ގެ ނައިބު ރައީސް ހުސެއިން އަފީފެވެ.

މިއަދުގެ ސެޝަންގައިވެސް ގިނަ އަދަދަކަށް ސިޔާސީ މުވައްޒަފުން ބައިވެރިވެފައިވެ އެވެ.