Last Updated: May 15, 11:14
Thursday, May 15, 2025
ޚަބަރު

ރައްޔިތުންގެ އިތުބާރު ސަރުކާރަށް އެބައޮތް: ސައީދު

ރައްޔިތުންގެ އިތުބާރު ސަރުކާރަށް އެބައޮތް ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.

ޕީއެންސީން ރޭ ބޭއްވި ހަރުގެ ޖަލްސާގައި ވާހަކަދައްކަމުން ސައީދު ވިދާޅުވީ އެކިއެކި ނޫސްތަކުން ރަށްތަކުގައި ސާވޭތައް ކުރަމުން އަންނަ ކަމަށާއި އެގޮތުން ރަށްތަކުގެ ގިނަ ރައްޔިތުން ސަރުކާރާއި މެދު ހިތްހަމަޖެހޭ ކަމަށެވެ. އަދި ޕްރޮޖެކްޓުތައް ފެށުމުން މިއަށް ވުރެ ރަނގަޅުވާނެ ކަމަށާއި ރައީސް ޑރ. މުހައްމަދު މުއިއްޒު މަސައްކަތް ކުރައްވަނީ ޕްރޮޖެކްޓުތައް ފެށުމަށް ކަމަށް ސައީދު ވިދާޅުވި އެވެ.

"ޕްރޮޖެކްޓުތައް ފެށުނީމަ ރަނގަޅުވާނެ. ޕްރޮޖެކްޓުތައް ފަށަން ރައީސުލްޖުމްހޫރިއްޔާ މަސައްކަތްޕުޅު ކުރައްވަނީ،" ސައީދު ވިދާޅުވި އެވެ.

ރައީސް މުއިއްޒަށް ވަރަށް ބޮޑަށް ތައުރީފު ކުރައްވަމުން ސައީދު ވަނީ މިވީ މަދު ދުވަސްކޮޅުތެރޭގައި މީގެ ކުރިން އެއްވެސް ވެެރިއަކަށް ނުކުރެވޭ ވަރަށް މަސައްކަތް ރައީސް މުއިއްޒު ކުރައްވާފައިވާ ކަމަށްވެސް ވިދާޅުވެފަ އެވެ. އެމަނިކުފާނު މި މަސައްކަތްތައް ކުރައްވަމުން ގެންދަވަނީ ފައިސާ ޗާޕުނުކޮށް، އެއްވެސް ގައުމަކަށް ނުދަރާ ކަމަށް ސައީދު ވިދާޅުވި އެވެ.

ރޭގެ ޖަލްސާގައި އިދިކޮޅު އެމްޑީޕީއަށް ފާޑު އަމާޒުކުރަމުން ސައީދު ވިދާޅުވީ އެމްޑީޕީގައި ދެ ސިފައެއް އޮންނަ ކަމަށާއި އެގޮތުން އެމްޑީޕީއަށް ވެރިކަން ލިބިއްޖެނަމަ ގައުމު ފުނޑާލާނެ ކަމަށެވެ. އަދި ވެރިކަމުން ފައިބައިފިނަމަ މަގުމައްޗަށް ނިކުމެ އެކި ސަކަރާތް ޖަހާނެ ކަމަށް ވިދާޅުވި އެވެ.

"ރާއްޖޭގެ ސިނާއަތްތައް ފުނޑާލަން މަސައްކަތް ކުރާނީ. ފަތުރުވެރިން ނައުމަށް ރާއްޖޭގައި އިންވެސްޓް ނުކުރުމަށް އަދި އިންވެސްޓް ކޮށްފާނެ ކަންކަމުން އެކި މީހުން ދުރަށް ޖެއްސުން އެއީ އެމްޑީޕީން ކުރާ ކަންތައްތައް،" ސައީދު ވިދާޅުވި އެވެ.

އެމްޑީޕީއާ ހިލާފަށް ޕީއެންސީ އިދިކޮޅުގައި އޮތްއިރު މަސައްކަތް ކުރީ ޒިންމާދާރުކަމާއެކީ ކަމަށާއި އިދިކޮޅުގައި އޮތަސް ވެރިކަމުގައި ތިއްބަސް ޒިންމާދާރު މަސައްކަތްތަކެއް ޕީއެންސީން ކުރާނެ ކަމަށްވެސް ސައީދު ވިދާޅުވި އެވެ.