ރަސްމީ ދަތުރެއްގައި މިހާރު ކުވޭތުގައި ހުންނެވި ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލު، އެ ގައުމުގެ ފިނޭންސް މިނިސްޓަރު ޑރ. ނޫރާ ސުލައިމާން އާ ބައްދަލުކުރައްވައިފި އެވެ.
ފޮރިން މިނިސްޓްރީން ބުނީ މި ބައްދަލުވުމުގައި މިނިސްޓަރު ހަލީލު ކުވޭތުގެ ފިނޭންސް މިނިސްޓަރަށް މިވަގުތު ރާއްޖޭގެ މާލީ ހާލަތު ހިއްސާކުރެއްވި ކަމަށެވެ.
ބައްދަލުވުމަށްފަހު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ހަލީލު ވިދާޅުވީ، މި ބައްދަލުވުމުގައި ރާއްޖޭގެ އިޤްތިޞާދީ އަދި މާލީ ޙާލަތާ ބެހޭގޮތުން ތަފްސީލީ ގޮތެއްގައި މައުލޫމާތު ދެއްވި ކަމަށެވެ. އެގޮތުން އިޤްތިޞާދީ ކުރިއެރުމުގެ އުއްމީދީ މިސްރާބު ފާހަގަކުރެއްވި ކަމަށް ހަލީލު ވިދާޅުވި އެވެ.
ކުވޭތުގެ ޚާރިޖީ ވަޒީރު ޢަބްދުﷲ ޢަލީ އަލް ޔަހްޔާގެ ދަޢުވަތަކަށް ހަލީލު ކުރައްވާ މި ދަތުރުފުޅުގައި ވަނީ ކުވޭތު ސަރުކާރުގެ އިސްވެރިންނާއި ބައްދަލުކުރައްވާފަ އެވެ.
މި ބައްދަލުވުންތަކުގައި ދެ ޤައުމުގެ ދެމެދުގައި ވިޔަފާރީ އާއި އިންވެސްޓްމަންޓްގެ ދާއިރާއިން ގުޅުން ބަދަހިކުރުމާއި ރާއްޖެއަށް ކުވޭތުގެ އިންވެސްޓްމަންޓްތައް އިތުރުކުރުމަށް ކުރެވިދާނޭ ކަންކަމާ ގުޅޭގޮތުން މަޝްވަރާކޮށްފައިވެ އެވެ.
ކުވޭތަކީ ރާއްޖޭއަށް ތަރައްޤީގެ ތަފާތު އެކި މަޝްރޫޢުތަކަށް އެހީތެރިވެދޭ ޤައުމެކެވެ. މިގޮތުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްޤީ ކުރުމުގެ މަޝްރޫޢަށް ކުވޭތް ފަންޑް ފޯ އަރަބް އިކޮނޮމިކް ޑިވެލޮޕްމެންޓްގެ އެހީތެރިކަން ފާހަގަކޮށްލެވެ އެވެ.