އެއްވެސް ސަރުކާރެއްގައި ފުރަތަމަ ދެ އަހަރު ޕްރޮޖެކްޓެއް ފެށިފައި ނުވާ ކަމަށް ފޭދޫ ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ދީދީ (އައިބީ) ވިދާޅުވެއްޖެ އެވެ.
ޕީއެންސީން ރޭ ބޭއްވި ހަރުގެ ޖަލްސާގައި ވާހަކަދައްކަމުން އައިބީ ވިދާޅުވީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި 18 ވަނަ ރައްޔިތުންގެ މަޖިލީހުގައި ވެސް މަސައްކަތް ކުރެއްވި ކަމަށާއި އޭރުވެސް ރާއްޖޭގެ އެއްވެސް ރަށެއްގައި ފުރަތަމަ ދެ އަހަރު ނިމެންދެން ޕްރޮޖެކްޓެއް ނުހިނގާ ކަމަށެވެ. އަދި އެމްޑީޕީގެ ވެރިކަމުގައި ވެސް ފުރަތަމަ ދެ އަހަރު ޕްރޮޖެކްޓެއް ހިނގާފައި ނެތް ކަމަށް އައިބީ ވިދާޅުވި އެވެ.
"އެހެންވީމަ އަޅުގަނޑުމެން ދޮޅު އަހަރުތެރޭ މިދަނީ ޕްރޮޖެކްޓުތަކާއިގެން ކުރިއަށްދާން،" އައިބީ ވިދާޅުވި އެވެ.
އައިބީ ވިދާޅުވީ ސަރުކާރަށް ވަގަށް ގޮވުމުގެ ބޭނުމެއް ނެތް ކަމަށާއި މިއީ ވައްކަން ނުކުރާނެ އަދި ހުރިހާ ކަމެއްވެސް ތެދުވެރިކަމާއި އިންސާފުވެރިކަމާއެކު ކުރިއަށްދާނެ ސަރުކާރެއް ކަމަށެވެ. ރާއްޖެ މިއަދު 126 ބިލިއަން ރުފިޔާއިން ދަރާފައިވަނީ އެމްޑީޕީގެ ފަސް އަހަރުގެ ވެރިކަމުގައި ކަންކުރި ގޮތުން ކަމަށާއި ހެޔޮވެރިކަމެއް ކުރިނަމަ ގައުމު މި ހާލަތަށް ނުދާނެ ކަމަށްވެސް އައިބީ ވިދާޅުވި އެވެ.
އައިބީ މިހެން ވިދާޅުވި އިރު، މި ހިނގާ އަހަރަކީ ތަރައްގީގެ އަހަރު ކަމަށާއި ތަރައްގީގެ ކަންކަން ވަރަށް ބާރަށް ކުރިއަރައިގެންދާ އަހަރަކަށް މި އަހަރު ވެގެން ދާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފަ އެވެ.