މިދިޔަ ބުރާސްފަތި ދުވަހު މެންދުރު ފަހު އައްޑޫ ޑެޕިއުޓީ މޭޔަރު ހަސަން ޝާހިދު ހިތަދޫ ޕަވަ ޕާކް ރެސްޓޯރެންޓްގެ ދުންފަތުގެ އިސްތިއުމާލް ކުރުން މަނާ ސަރަހެއްދައި އެކަން ކުރެއްވީ ގަވައިދާ ހިލާފަށް ކަމަށް ބުނެ "އައްޑޫ ލައިވް" އިން ގެނެސް ދިން ހަބަރާ ގުޅިގެން އެ ރެސްޓޯރެންޓް ހިންގާ މެނޭޖްމަންޓުން ނެރުނު ބަޔާނެެއްގައި ޝާހިދު ދުންފަތުގެ އިސްތިއުމާލް ކުރެއްވީ ވެއިޓަރު ކައިރިން އައްސަވާފައި ވެއިޓަރު ހުއްދަ ދިނުމުން ކަމަށް އެ ރެސްޓޯރެންޓުން ބުނެފި އެވެ.
"ޕަވަ ޕާކް" ގެ މެނޭޖްމަންޓްގެ ފަރާތުން އަލީ އަޝްޖައު އިއްޔެ ނެރުއްވި ބަޔާނުގައި ބުނެފައި ވަނީ "މެނޭޖްމެންޓުން އެކަން ހިނގަައި ދިޔަގޮށް ތަހުގީގުކޮށްފައިވާ" ކަމަށާއި "ޝާހިދު ދުންފަތުގެ އިސްތިއުމާލު ކޮށްފައި ވަނީ ވެއިޓަރު ކައިރިން އެއްސެވެމުން ވެއިޓަރު އެ ސަރަހައްދުގައި ދުންފަތުގެ އިސްތިއުމާލު ކުރޭވޭނެ ކަމަށް ބުނުމުން، ސިނގިރެޓެކަށް އޯޑަރުކޮށްގެން" ކަމަށެވެ.
އަދި "އެ ސަރަހައްދުގައި ޖެހިފައިވާ ބޯޑު ވަނީ އާ ބޯޑުތައް ޖެހުމަށްޓަކައި ހެނދުނު ގަޑީގައި ނެއްޓިފައިކަން ވެސް ފާހަނގަ ކުރާ" ކަމަށް ބަޔާނުގައިވެ އެވެ.
"ވޭޓަރަށް އެގޮތަށް ޖަވާބު ދެވިފައި ވަނީ ސްމޯކިން އޭރިޔާ ފުލްވުމުން ޕަވަޕާކްގެ އިރުމަތީ ހުންނަ ތިން މޭޒްގައި ދުންފަތުގެ އިސްތިއުމާލު ކުރެވޭ ގޮތަށް ހަމަޖެއްސުމަށް މެނޭޖްމެންޓުން މަޝްވަރާ ކުރެވިފައިވާތީ ކަމުގައި ދެކެމެވެ. އަދި ހުއްދަ ހޯދުމަށް ކުރަން ޖެހޭ މަސައްކަތް ޕަވަޕާކުން ކުރަމުންދާ ވާހަކަ ވެސް ދަންނަވަމެެވެ." ބަޔާނުގައިވެ އެވެ. "ޕަވަޕާކް އަކީ ރާއްޖޭގެ ހެދިފައި ހުރި ޤާނޫނައި ޤަވައިދުތަކަށް އިހުތިރާމް ކުރާ ބަޔަކީމެވެ. އެގޮތުން ޕަވަޕާކް ރެސްޓޯރެންޓުގެ އިމުގެ ތެެރޭގައި ޤާނޫނާއި އަދި ޤަވައިދުތަކައި ޙިލާފް އެއްވެސް އަމަލެއް އެއްވެސް ބަޔަކަށް ހިންގުމުގެ ފުރުސަތެއް މެނޭޖްމެންޓުން ދީފައި ނުވާނެ ވާހަކަ ދަންނަވަމެވެ. ޕަވަ ޕާކުން ބަލަނީ ޕަވަޕާކްގެ ކަސްޓަމަރުންނަށް ވީހާ ވެސް ރަނގަޅު ހިދުމަތެއް ދެވޭ ތޯއެެވެ. އަދި މިގޮތުގައި ދެމި ތިބޭނެ ކަމުގެ ޔަގީން ކަން ކަސްޓަމަރުންނަށް މި ފުރުސަތުގައި އަރުވަމެވެ."
ޕަވަޕާކުން އަދި ބުނީ ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ ޤާނޫނު ތަންފީޒް ކުރުމަށް ތަންފީޒީ އިދާރާތަކުން އެންމެ އެކަށީގެން ވާ އެއްބާރުލުން ނުލިބޭ ކަން ވެސް ފާހަގަ ކުރާ ކަމަށެވެ.
ހިތަދޫ ޕަވަޕާކް ރެސްޓޯރެންޓްގެ ދުންފަތުގެ އިސްތިއުމާލު ކުރުން މަނާ ސަރަހައްދެއްގައި ޑެޕިއުޓީ މޭޔަރު ސިނގިރެޓް ބޯން ހުންނަވައި އާއްމުންގެ ބަޔަކު ވަނީ ފޮޓޯ ނެގުމަށް ފަހު ސޯޝަލް މީޑީއާގައި ހިއްސާކޮށް އަދި އެ މައްސަލަ ހިތަދޫ ޕޮލިސް ސްޓޭޝަނަށް ވެސް ރިޕޯޓްކޮށްފަ އެވެ. އަދި އެފޮ ޓޯ ވަނީ “އައްޑޫ ލައިވް” އަށް ވެސް ލިބިފަ އެވެ. އެފޮޓޯއިން އެ ސަރަހައްދަކީ ދުންފަތުގެ އިސްތިއުމާލު ކުރުން މަނާ ސަރަހައްދެއްކަން އަންގައިދޭ ނިޝާން ޖެހި ބޯޑު ފެންނަން ހުއްޓެވެ.
މަންޒަރު ދުށް މީހަކު ބުނީ ޝާހިދު ސިނގިރެޓް ބޯން އިންނެވި އިރު އެ މޭޒުގައި ހިތަދޫ މެދު ދާއިރާގެ ކައުންސިލަރު ހުސެއިން ހިލްމީގެ އިތުރުން އައްޑޫ ސިޓީ ސިވިލް ސާވިސް އާ ހަވާލުވެ ހުންނެވި އަބްދުﷲ ހާނީ ވެސް އިންނެވި އެވެ.
އަދި ޕަވަޕާކްގެ ނޫސް ބަޔާނުގައި ޑެޕިއުޓީ މޭޔަރު ދުންފަތުގެ އިސްތިއުމާލް ކުރެެއްވީ މަނާ ސަރަހައްދެއްގައި ކަމަށް ވަނީ އިއުތިރާފްވެފަ އެވެ.