ބޮލީވުޑްގެ ތަރި އަޖޭ ދޭވްގަން އާއި ފިރިހެން ދަރިފުޅު ޔުގް ދޭވްގަން އަަޑު އަޅައިގެން ގެނެސްދޭން ހަމަޖެހިފައިވާ ހޮލީވުޑްގެ ފިލްމު "ކަރާޓޭ ކިޑް: ލެޖެންޑްސް" ގެ ހިންދީ ޓްރެއިލާ ދައްކާލައިފި އެވެ.
ސޮނީ ޕިކްޗާސް އިން މި މަހުގެ 30 ގައި ސިނަމާތަކަށް ގެންނަ ފިލްމު ހިންދީ އޯޑިއަންސަށް ހިންދީ ބަހުން ޑަބްކޮށްގެން ގެނެސްދޭން ނިންމައި، ޓްރެއިލާ އާންމުކުރީ އިއްޔެ ހަވީރު މުމްބާއީގައި ބޭއްވި ކުލަގަދަ އިވެންޓެއްގަ އެވެ.
އެ އިވެންޓްގައި އަޖޭ އާއި ޔުގް ވެސް ބައިވެރިވި އެވެ.
އެ އިވެންޓްގެ ވީޑިއޯއެއް ޔުގްގެ މަޝްހޫރު ބަތަލާ ކާޖޮލް ސޯޝަލް މީޑިއާ ޕޯސްޓްކޮށް، ދަރިފުޅާ މެދު ފަހުރުވެރިވާ ކަމަށް ބުނެފައިވެ އެވެ. މިހާރު އުމުރުން 15 އަހަރުގެ ޔުގް އަކީ އަޖޭ އާއި ކާޖޮލްގެ ދެ ކުދިންގެ ތެރެއިން ހަގު ދަރިފުޅެވެ.
"ކަރާޓޭ ކިޑް: ލެޖެންޑްސް" ގެ ހިންދީ ވާޝަނަށް އަޖޭ ހިންދީ ބަހުން އަޑު އަޅާފައި ވަނީ މަޝްހޫރު ތަރި، ޗެކީ ޖެންގެ ކެރެކްޓާއަށެވެ. ޔުގު، އަޑު އެޅީ ބެންގް ވޭންގްގެ ކެރެކްޓާއަށެވެ. މިއި ފިލްމެއްގެ މިފަދަ މަސައްކަތެއްގައި ޔުޖް ހިއްސާވި ފުރަތަމަ ފަހަރެވެ.
ޖޮނަތަން އެންޓްވިސްޓްލް ޑައިރެކްޓްކޮށްފައިވާ މި މާޝަލް އާޓްސް ޑްރާމާ އަކީ "ކަރާޓޭ ކިޑް" ފްރެންޗައިޒްގެ ހަ ވަނަ ފިލްމެވެ. ފިލްމުގެ ކާސްޓްގައި ޖެކީ ޗެން، ރާފް މަޗިއޯ، ބެން ވޭންގް، ޖޯޝުއާ ޖެކްސަން، ސެޑީ ސްޓޭންލީ އަދި މިންގް-ނާ ވެން ހިމެނެ އެވެ.