Last Updated: May 15, 13:56
Thursday, May 15, 2025
މުނިފޫހިފިލުވުން

ސަނީ އަށް ނެޓްފްލިކްސްގެ އެކްޝަން ތުރިލާއެއް

ސަނީ ޑިއޯލް އަށް ނެޓްފްލިކްސްގެ އެކްޝަން ތުރިލާއެއް ހުށަހަޅާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ޕީޕިންމޫން އިން ރިޕޯޓްކޮށްފައިވާ ގޮތުގައި މިއީ މަޝްހޫރު ބަތަލާ ކާޖޮލްގެ އަލަތު ވެބް ސީރީޒް 2023 ގެ "ދަ ޓްރަޔަލް' ގެނެސްދިން ޑައިރެކްޓަރު ސުޕަން ވަރުމާ، ނެޓްފްލިކްސްއާ ގުޅިގެން ހަދަން ނިންމާފައިވާ އެއްޗެކެވެ. ނަމަވެސް ސަނީ އަށް ހުށަހެޅީ ފިލްމެއް ކަމެއް ނުވަފަ ވެބް ސީރީޒެއް ކަމަށް އަދި ކަށަވަރެއް ނުވެ އެވެ.

ޕީޕިންމޫން އިން ބުނި ގޮތުގައި މި އެކްޝަން ތުރިލާ އަދި އޮތީ ސްކްރިޕްޓިން މަރުހަލާގަ އެވެ. ނަމަވެސް ސަނީ އެ އޮފާކުރުމުން އޭނަ އެއަށް އެއްބަސްވާނެކަމުގެ ފެހި ސިގްނަލް އޮތީ ދީފަ އެވެ. އެހެންވެ ނެޓްފްލިކްސްގެ ޕްރޮޖެކްޓް ވާނީ ސަނީގެ ފުރަތަމަ ވެބް ކޮންޓެންޓަށެވެ.

ސަނީގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ މަހު ރިލީޒްކުރި އެކްޝަން ފިލްމު "ޖާޓް" އެވެ. މީގެ ސީކްއެލްއެއް ވެސް ހަދަން އޮތީ ނިންމައިފަ އެވެ.

ކާމިޔާބު އެތައް ފިލްމެއް ކުޅެފައިވާ 67 އަހަރުގެ އެކްޓަރުގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި "ލާހޯރް، 1947" އާއި "ބޯޑާ 2" އެވެ. މި އަހަރުގެ ތެރޭގައި "ލާހޯރް، 1947" ގެނެސްދޭނެ ކަމަށް ބެލެވޭ އިރު، "ބޯޑާ 2" ރިލީޒްކުރަން ހަމަޖެހިފައި ވަނީ އަންނަ އަހަރުގެ ޖެނުއަރީގަ އެވެ.