ކުރިއަށް އޮތް ބޮޑު އީދު އައްޑޫގައި ކުލަގަދަކޮށް ފާހަގަކުރަން ކުރިއަށް ގެންދަން ނިންމާފައިވާ "އައްޑޫ އީދި ސަމާ" ގެ ތެރެއިން ބާއްވާ ކެއްކުމުގެ މުބާރާތެއްގައި ބައިވެރިވާން ހުޅުވާލައިފި އެވެ.
އައްޑޫ ސިޓީ ކައުންސިލުން ބުނީ މަރަދޫފޭދޫގައި އެ މުބާރާތް ބާއްވާނީ "އުނދުނުން އަތަށް 1446" ގެ ނަމުގައި ކަމަށެވެ. މި މުބާރާތުގެ އެއް ވަނަ އިނާމަކީ 3،000ރ. އެވެ. ދެވަނަ އަށް 2،000ރ. އަދި ތިން ވަނަ އަށް 1،000ރ. ލިބޭނެ އެވެ
އެހެންވެ އެ ކެއްކުމުގެ ބައިވެރިވުމުގެ ފުރުސަތު މި މަހުގެ 23 އާ ހަމައަށް ވަނީ ހުޅުވާލައިފަ އެވެ. މުބާރާތާ ބެހޭ އިތުރު މައުލޫމާތު މަރަދޫފޭދޫ އަވަށު އޮފީހުގެ ނަމްބަރު 6891523 އިން ހޯދޭނެ އެވެ.
ދެހާސް ބާވީހުން ފެށިގެން "އައްޑޫ އީދި ސަމާ" ގެ ނަމުގައި ކޮންމެ އަހަރަކު ވެސް ބޮޑު އީދު ކުލަގަދަކޮށް އަންނަނީ ފާހަގަކުރަމުންމެވެ. އެގޮތުން އައްޑޫގެ ހުރިހާ އަވަށްތަކެއްގައި ތަފާތު މުބާރާތްތަކާއި އެކިއެކި ހަރަކާތްތަކާ އެކު، ފޯރިގަދަކޮށް އީދު ފާހަގަކުރުމަށް ކައުންސިލުން ބޮޑު އިސްކަމެއް ދެ އެވެ.
އެގޮތުން މި ފަހަރުގެ އީދުގައި ވެސް އެކި އަވަށްތަކުގައި ތަފާތު ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދާނެ އެވެ.
"އައްޑޫ އީދި ސަމާ 1446" ގެ ހަރަކާތްތައް ދެމިގެން ދާނީ އަންނަ މަހުގެ 5-13 ހަމައަށެވެ.