Last Updated: June 8, 15:03
Monday, June 8, 2026
ޚަބަރު

އުތީމުގައި ފުލުހުންގެ ހިދުމަތް ފުޅާކުރަން މަޝްވަރާކޮށްފި

ހއ. އުތީމުގައި ފުލުހުންގެ ހިދުމަތް ފުޅާކުރުމަށް ފުލުހުންގެ އިސްވެރިންނާ އެކު ބައްދަލުވުމެއް ބާއްވައިފި އެވެ.

އިއްޔެ ފުލުހުންގެ މައި އިދާރާގައި ބޭއްވި ބައްދަލުވުމުގައި ފުލުހުންގެ ފަރާތުން އިސްކޮށް ބައިވެރިވެވަޑައިގެންނެވީ ފުލުހުންގެ އިދާރާ ހިންގެވުމާ ހަވާލުވެ ހުންނެވި ޑެޕިއުޓީ ކޮމިޝަނަ އިސްމާއީލް ނަވީން އެވެ. އުތީމުގެ ފަރާތުން ބައްދަލުވުމުގައި އެ ރަށު ކައުންސިލާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީންގެ މެންބަރުންތަކެއް ބައިވެރިވި އެވެ.

އެބައްދަލުވުމުގައި، އުތީމުގައި ފުލުހުންގެ ހިދުމަތް ފުޅާކުރުމަށާއި ކުށްމަދު އަމާން ވެއްޓަކަށް އުތީމު ހެދުމަށާއި ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ރަށުތެރޭގައި ސީސީޓީވީ ކެމެރާ ހަރުކުރުމާ ގުޅޭގޮތުން މަޝްވަރާކޮށްފައިވެ އެވެ.

މީގެ އިތުރުން،އުތީމަކީ މިހާރަށް ވުރެ އަމާން ތަނެއްގެ ގޮތުގައި ބޭއްވުމަށް ދެ ފަރާތް ގުޅިގެން ކުރެވޭނެ ކަންކަމާ ގުޅޭ ގޮތުން ވެސް މަޝްވަރާކުރި އެވެ.

އަދި މި އަހަރުގެ ގައުމީ ދުވަސް ރަސްމީކޮށް އުތީމުގައި ފާހަގަކުރަން ހަމަޖެހިފައިވާތީ އެކަމާ ގުޅޭ ގޮތުން ވެސް މަޝްވަރާކުރި އެވެ.