Last Updated: June 8, 15:03
Monday, June 8, 2026
ޚަބަރު

ޑްރަގުން ސަލާމަތްވެފައިވާ މީހުން މަސްވެރިކަމުގެ ދާއިރާ އަށް

މަސްތުވާތަކެތި ބޭނުން ކުރުމަށް ފަހު، އެ ވަބާ އިން ސަލާމަތްވެފައިވާ މީހުންނަށް މަސްވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރުމުގެ ފުރުސަތު ފަހިކޮށް ދިނުމާ ގުޅޭ ގޮތުން ނެޝަނަލް ޑްރަޖް އެޖެންސީ އެންޑީއޭ) އިން ފިޝަރީޒް މިނިސްޓްރީއާ އެކު ބައްދަލުވުމެއް ބާއްވައިފި އެވެ.

އެ ބައްދަލުވުމުގައި މިނިސްޓްރީގެ ފަރާތުން އިސްކޮށް ހުންނެވީ މިނިސްޓަރު އަހުމަދު ޝިޔާމެވެ. އަދި އެންޑީއޭގެ ފަރާތުން އިސްކޮށް ބައިވެރިވެވަޑައިގެންނެވީ ސީއީއޯ ލުބްނާ މުހައްމަދު ޒާހިރު ހުސައިނާއި އެކްޓިން ސީއީއޯ މުހައްމަދު ރަޝާދެވެ.

މަސްތުވާތަކެތީގެ ބަލިން ސަލާމަތްވެފައިވާ ފަރާތްތައް މުޖުތަމަޢުއަށް ނެރުމާ ގުޅޭގޮތުން އެންޑީއޭ އިން އަންނަނީ "ޑްރަގް ފްރީ ވާރކް ސްޕޭސް" ޝިޢާރުގެ ދަށުން މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން މަސްތުވާތަކެތި ބޭނުންކުރުމަށް ފަހު އެކަމުން ސަލާމަތްވެފައިވާ މީހުން މުޖުތަމަޢުއަށް ނެރެން ވަރަށް ބޮޑު އިސްކަމެއް އަންނަނީ ދެމުންނެވެ.

އެގޮތުން ފިޝަރީޒް މިނިސްޓްރީއާ އެކި ބޭއްވި މަޝްވަރާގައި އެތަނުން ކުރިއަށް ގެންދާ ކަންކަމުގައި ޑްރަގް ވަބާ އިން ސަލާމަތްވެފައިވާ މީހުން ބައިވެރި ކުރެވޭނެ ގޮތްތަކާ މެދު މަޝްވަރާކުރި އެވެ.

މަސްތުވާތަކެތީގެ ބަލިން ސަލާމަތްވެފައިވާ މީހުންނަށް ވަޒީފާގެ ފުރުސަތުތައް ހޯދައި ދިނުމަކީ އެ މީހުން މުޖުތަމަޢުއަށް އަނބުރާ ގެނައުމުގައި އެޅޭ އެންމެ މުހިންމު ފިޔަވަޅެއް ކަމަށް މިނިސްޓަރު ޝިޔާމު ވެސް ބައްދަލުވުމުގައި ފާަގަކުރެއްވި އެވެ.

އެގޮތުން މިނިސްޓްރީގެ ދަށުން ހިންގާ މަޝްރޫޢުތަކުގައި ބައިވެރިވުމުގެ ފުރުސަތު ހޯދައި ދިނުމާއި ރަނގަޅުވެފައިވާ މީހުންނަށް މަސްވެރިކަމުބެ ދާއިރާ އިން ބޭނުންވާ ތަމްރީނުތައް ދިނުމާ ގުޅޭ ގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރި އެވެ.

އެގޮތުން ދެ މުއައްސަސާ ގުޅިގެން މަސައްކަތް ކުރުމަށް އެއްބަސް ވެސް ވެފައިވެ އެވެ.