Last Updated: May 15, 17:22
Thursday, May 15, 2025
ޚަބަރު

ހުޅުމާލޭގައި ނުރައްކާތެރި އެކްސިޑެންޓެއް

ހުޅުމާލޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި އެވެ.

އެ ހާދިސާގެ މަންޒަރު ފެންނަ ވީޑިއޯއެއް ވެސް ސޯޝަލް މީޑިއާގައި އާންމުކޮށްފައިވާ އިރު، އޭގައި ފެންނަނީ ތުއްތު ކުއްޖަކު އުރާލައިިގެން މަގު ހުރަސް އުޅުނު އަންހެނެއްގެ ގައިގައި ބާރު ސްޕީޑްގައި ދިޔަ ސައިކަލަކުން ޖެހި ވިއްސައިގެންދާ ތަނެވެ.

އެސްޖޭ ހާޑްވެއާ ކުރިމަތީގައި ހިނގި އެ ހާދިސާ ހިނގުމާ އެކު ސައިކަލުތަލުން ދިޔަ ބަޔަކު މަޑުކޮށް އެކްސިޑެންޓްވި މީހުންނަށް އެހީވާ މަންޒަރު ވީޑިއޯ އިން ފެނެ އެވެ.

މި އެކްސިޑެންޓާ ގުޅިގެން ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ އެ ހާދިސާގެ މައުލޫމާތު ލިބުނީ ހެނދުނު 9:23 ހާއިރު ކަމަށެވެ.

ފުލުހުން ބުނީ، އަންހެން މީހާގެ އުރުގައި އިނީ އެއް އަހަރާއި އަށް މަހުގެ ކުއްޖެއް ކަމަށާއި އެ ކުއްޖާގެ ބޯ މަގުގެ ތާރުގަނޑުގައި ޖެހި ދުޅަވެފައިވާ ކަމަށެވެ. އަދި އަންހެން މީހާގެ ވާއަތު އުޅަނބޮށި މަށައިގެން ގޮސްފައިވާއިރު، ސައިކަލު ދުއްވި މީހާގެ ވާއަތު ކޮނޑުހުޅުން ބިނދި، ކަނާތު ފައިތިލަ މަށައިގެން ގޮސްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ އެ މީހުންނަށްފަރުވާ ދިނުމަށް ހުޅުމާލޭ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށެވެ.

ފަހަކަށް އައިސް ހުޅުމާލޭގައި ހިނގާ މިފަދަ ނުރައްކާތެރި އެކްސިޑެންޓްތައް ވަރަށް ބޮޑަށް އިތުރުވެފައިވެ އެވެ.