Last Updated: May 15, 17:05
Thursday, May 15, 2025
މުނިފޫހިފިލުވުން

އާމިރާއި ހިރާނީ އަށް މި ފަހަރު ބައޯޕިކެއް

އާމިރު ޚާނާއި ޑައިރެކްޓަރު ރާޖްކުމާރު ހިރާނީ ތިން ވަނަ ފިލްމަކަށް އެއްބަސްވެއްޖެ އެވެ.

އެ ދެ މީހުން ކުރިން އެކީގައި މަސައްކަތްކޮށްފައި ވަނީ 2009 ގެ "3 އިޑިއަޓްސް" އާއި 2014 "ޕީކޭ" ގަ އެވެ. މި ދެ ފިލްމަކީ ވެސް ވަރަށް ކާމިޔާބު ދެ ފިލްމެވެ.

އާމިރާއި ހިރާނީގެ އާ ފިލްމަކީ އިންޑިއާގެ ސިނަމާގެ ބައްޕަގެ ގޮތުގައި ސިފަކުރާ ދާދާސާހެބް ޕާލްކޭ އަށް ބިނާކޮށް ހަދަން ހަމަޖެހިފައިވާ ބައޮގްރަފިކަލް ޑްރާމާއެކެވެ. މި ފިލްމު ވާނީ އާމިރު ކުޅޭ ފުރަތަމަ ބައޯޕިކަށް ނަމަވެސް މިއީ ހިރާނީ ހަދަން ނިންމި ދެވަނަ ބައޯޕިކެވެ.

އޭނަ ގެނެސްދިން ފުރަތަމަ ފިލްމަކީ އެކްޓަރު ސަންޖޭ ދަތުގެ ވާހަކަ ކިޔައިދިން 2018 ގެ "ސަންޖޫ" އެވެ. ބެލުންތެރިންގެ ބޮޑު ތަރުހީބެއް ލިބުނު އެ ފިލްމުގައި ސަންޖޭގެ ރޯލު ކުޅުނީ ރަންބީރް ކަޕޫރެވެ.

އާމިރާ އެކު ހަދަން ނިންމި ބައޯޕިކްގެ ޝޫޓިން މި އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި ފެށުމަށް ޕްލޭންކޮށްފައިވާ އިރު، ފިލްމުގައި ކުޅެން ޖެހޭ ކެރެކްޓާ އަށް ތައްޔާރުވުމުގެ މަސައްކަތް އާމިރު ވަރަށް އަވަހަށް ފަށާނެ އެވެ. މިހާރު އުމުރުން 60 އަހަރުގެ އެކްޓަރުގެ ކުރިއަށް އޮތް ފިލްމަކީ އަންނަ މަހުގެ 20 ގައި ރިލީޒްކުރަން ހަމަޖެހިފައިވާ "ސިތާރޭ ޒަމީން ޕަރް" އެވެ.

ބޮލީވުޑްގެ އެންމެ ކުޅަދާނަ ޑައިރެކްޓަރުންގެ ތެރޭގައި ހިމެނޭ ހިރާނީގެ އެންމެ ފަހުގެ ފިލްމަކީ 2023 ގައި ޝާހްރުކް ޚާނާ އެކު ގެނެސްދިން "ޑަންކީ" އެވެ. ހިރާނީ އަކީ ބޮޑު މަގުބޫލު ކަމެއް ހޯދި "މުންނާބާއީ އެމްބީބީއެސް" އާއި "ލަގޭ ރަހޯ މުންނާބާއީ" ވެސް ޑައިރެކްޓަރެވެ.