ސަރުކާރުން ކައުންސިލްތަކަށް ދޫކުރާ މާލީ އެހީ ބޭނުން ކުރަނީ ރައްޔިތުންނަށް އެންމެ ފައިދާވާ ގޮތަށްތޯ ބެލޭނެ ނިޒާމެއް ގެންނަން ޖެހޭ ކަމަށާއި އެކަމަށް މަސައްކަތް ކުރައްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވި އެވެ.
އެ މަނިކުފާނު "ރައްޔިތުންނާ އެކު' ގެ ނަމުގައި ކުރިއަށް ގެންދަވާ ޕޮޑްކާސްޓްގެ ހަވަނަ އެޕިސޯޑްގައި މިއަދު ވިދާޅުވީ އެކަން ކުރައްވާނީ ފިނޭންސް މިނިސްޓްރީ ދައުރު ވެސް އޮންނަ ގޮތަށް ކަމަށެވެ.
ރައީސް ވިދާޅުވީ، ކައުންސިލްތަކަށް ސަރުކާރުން ދޫކުރާ ބްލޮކް ގްރާންޓަކީ ރައްޔިތުންނަށް އެންމެ ފައިދާވާ ގޮތަށް ހޭދަކުރުމަށް ދޭ ފައިސާކަމަށެވެ. އަދި ފައިސާ ޤާނޫނުގައިވާ ގޮތަށް ރަށްރަށުގެ ކުރިއެރުމާއި ރައްޔިތުންގެ ލާބައާ މަންފާއަށް ހޭދަކުރުމަކީ ކައުންސިލްގެ އެންމެ މުހިންމު ޒިންމާ ކަމަށް ވެސް ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވީ ތަޖުރިބާ ދަތުރުގެ ނަމުގައި، ބޮޑެތި ޚަރަދުތައް ވެސް ބައެއް ކައުންސިލްތަކުން ކުރަމުން އަންނަ ކަމަށެވެ. އެގޮތުން ރާއްޖެ އިން ބޭރުގެ ދަތުރުތައް ވެސް ބައެއް ކައުންސިލްތަކުން ކުރާ ކަމަށާއި އެކަމުން ރައްޔިތުންނަށް ވާ ފައިދާ އަކީ ކޮބައިތޯ ރައީސް ސުވާލުކުރެއްވި އެވެ.
އަދި އެފަދަ ދަތުރުތަކުގައި ރައްޔިތުންނަށް އެއްވެސް ފައިދާއެއް ނެތް ބޮޑެތި އިސްރާފުތައްވެސް ހިމެނޭ ކަމަށް ވެސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ، ފައިސާ ޚަރަދު ނުކޮށް ސޭވިންގައި ރައްކާކޮށްފައި ބެހެއްޓުމަކީ ވެސް ބައެއް ކައުންސިލްތަކުން ކުރަމުންދާ ކަމެއް ކަމަށެވެ. ނަމަވެސް އެ ރައްޔިތުންނަށް އެންމެ ފައިދާވާނެ ގޮތަށް ހޭދަކުރެވޭނެ ގޮތްތަކަށް ކައުންސިލްތަކުން މަސައްކަތްތައް ކުރިއަށް ގެންދަން ޖެހޭ ކަމަށް ވިދާޅުވި އެވެ.
"ލާމަރުކަޒީ ޤާނޫނުން ކައުންސިލްތަކަށް މަތިކޮށްފައިވާ ޒިންމާ އަދާކުރުމަށް ފައިސާ މި ދޫކުރަނީ ސަރުކާރުން. އެކަމަކު ޚަރަދު ނުކޮށް އެބަ ބަހައްޓާ. ނޫނީ ފައިދާއެއް ނެތްފަދަ ތަޖުރިބާ ދަތުރުތައް އެބަކުރޭ،' ރައީސް ވިދާޅުވި އެވެ. "އޭގެ ބަދަލުގައި އެ ފައިސާ މުހިންމު ކަންކަމަށް ބޭނުން ކުރަންވީ."
އެހެންވެ ގާނޫނުތަކާއި ސިޔާސަތުތަކަށް ގެންނަ ބަދަލުތަކުން އެ ކަންކަން ބެލޭނެ އަދި ރައްޔިތުންނަށް ޖަވާބުދާރީ ވެވޭނެ ހަރުދަނާ ނިޒާމެއް ޤާއިމު ކުރައްވާނެ ކަމަށް ވިދާޅުވި އެވެ.