Last Updated: May 15, 23:11
Thursday, May 15, 2025
ޚަބަރު

ފާސްވީ އަމީނަށް އިތުބާރު އޮތް ކަމަށް

ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީނަށް އިތުރުބާރު އޮތް ކަމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

މިނިސްޓަރުގެ މައްޗަށް އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހެޅީ އެމްޑީޕީގެ 12 މެންބަރުން ސޮއިކުރައްވަ އެވެ.

އެ މައްސަލަ އެޖެންޑާކޮށް މިއަދު ބޭއްވި މަޖިލީހުގެ ޖަލްސާގައި މިނިސްޓަރަށް އިތުބާރު އޮތް ކަމަށް، ސަރުކާރު ހިންގާ ޕާޓީ، ޕީއެންސީގެ ސުޕަ މެޖޯރިޓީ އޮތް މަޖިލީހުން ފާސްކުރީ 54 މެންބަރުން ވޯޓާ އެކީގަ އެވެ. އިތުބާރު ނެތް ކަމަށް ވޯޓް ދެއްވީ 11 މެންބަރެކެވެ.

އަމީނަށް އިތުބާރު ނެތްކަމަށް އެމްޑީޕީން ހުށަހެޅީ މިދިޔަ މަހުގެ 18 ވަނަ ދުވަހު ހ. ފެންޓެނޯއީ ގޭގެ ނުވަވަނަ ފަންގިފިލާއިން ހައްވާ ޔުމްނު ރަޝީދު، 21، ވެއްޓުނު ހާދިސާގެ ތަހުގީގަށް ނުފޫޒު ފޯރުވިކަމަށް ކުރެވޭ ތުހުމަތުތަކާ ގުޅިގެންނެވެ.

ނަމަވެސް މިއަދުގެ ޖަލްސާގައި މައްސަލަ އަށް ޖަވާބުދާރީވަމުން މިނިސްޓަރު ވަނީ އެ ތުހުމަތުތަކަށް އިންކާރު ކުރައްވައިފަ އެވެ. އަދި އެ ހާދިސާ ހިނގި އިރު، ޕޮލިސް ކޮމިޝަނަރަކަށް ހުންނެވި އަލީ ޝުޖާއު އަށް ގުޅުއްވީ ތަހުގީގަށް ނުފޫޒު ފޯރުވަން ނޫން ކަމަށާއި ގުޅުއްވީ ކޯޓް އަމުރަކާ ނުލައި ގެ ފާސް ކުރެވޭނެ ކަމަށް ދަންނަވަން ކަމަށެވެ.

"އަޅުގަނޑު ގޭގެ އެހެން އޯނަރުންނާ ވާހަކަ ދެއްކުމަށްފަހު އަޅުގަނޑުމެންގެ ގެއަށް ފުލުހުން އައުމަށް ކޯޓު އަމުރެއް ބޭނުން ނުވާނެކަން ދެންނެވުމަށް އޭރުގެ ކޮމިޝަނަރު އޮފް ޕޮލިސްއަށް ދެންނެވުމަށް ގުޅާފައި ވާނެ." އަމީން ވިދާޅުވި އެވެ.

އޭނަ ވިދާޅުވީ ޔުމްނު ވެއްޓުނު ހާދިސާއާ މާންދޫގެދެކުނުގެއާ އެއްވެސް ގުޅުމެއް އޮތް ކަމަށް މިހާތަނަށް ތަހުގީގީ އެއްވެސް އިދާރާއަކުން އަންގާފައި ނުވާ ކަމަށާއި އެ ހާދިސާއާ އަމީންގެ އާއިލާގެ އެއްވެސް މީހަކާ ވެސް ގުޅުމެއް އޮތްކަން ތަހުގީގީ އިދާރާއަކުން މިހައިތަނަށް އަންގާފައި ނެތް ކަމަށެވެ.

މިއީ މި ސަރުކާރުގެ މިނިސްޓަރެއްގެ މައްޗަށް އިތުބާރު ނެތް ކަމަށް އެމްޑީޕީން މަޖިލީހަށް ހުށަހެޅި ދެވަނަ ފަހަރެވެ. ފުރަތަމަ ހުށަހެޅީ ހޯމްލޭންޑް އަލީ އިހްސާންގެ މައްޗަށް އިތުބާރު ނެތްކަމުގެ މައްސަލަ އެވެ.