ޕޮލިސް ކުލަބުން އިންތިޒާމުކޮށްގެން އެފްއޭއެމާ ގުޅިގެން ފުޓްސަލް އަދި ފުޓްބޯޅަ ރެފްރީން ތަމްރީނު ކުރުމުގެ ކޯހެއް ފަށައިފި އެވެ.
މިއަދުން ފެށިގެން މި މަހުގެ 24 އަށް ކުރިއަށް ގެންދާ މި ކޯސް ފެށުމަށް އިސްކަންދަރު ކޮށީގައި މިއަދު ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށް ދެއްވީ ޕޮލިސް ކްލަބުގެ ރައީސް އެސިސްޓެންޓް ކޮމިޝަނަރު މުޙައްމަދު ރަޝީދެވެ.
ފުޓްސަލް އާއި ފުޓްބޯޅަ ރެފްރީން ތަމްރީނު ކުރުމުގެ ކޯސް ފަރުމާކޮށްފައި ވަނީ އިންޑޯ ކްލާސްތަކާއި ފީލްޑް ކްލާސްތައް ހިމަނައިގެންނެވެ. އެގޮތުން އިންޑޯ ކްލާސްތަކުގައި ފުޓްސަލް އަދި ފުޓުބޯޅައިގެ ގަވާއިދުތަކާއި ރެފްރީއެއްގެ ކިބައިގައި ހުންނަން ޖެހޭ ސިފަތަކުގެ އިތުރުން ނިންމުންތައް ނިންމާއިރު ރެފްރީން ވިސްނަން ޖެހޭ މުހިންމު ބައިތައް ދަސްކޮށް ދޭނެ އެވެ.
ފީލްޑް ކްލާސްތަކުގައި ފިޒިކަލް ފިޓްނަސް ހިފެހެއްޓުމަށް މަސައްކަތް ކުރާނެ ގޮތާއި މެޗަކަށް ތައްޔާރުވާ އިރު ކުރަން ޖެހޭ ކަންކަމުގެ އިތުރުން ރެފްރީކަން ކުރާއިރު ބޭނުންކުރާ ހަރަކާތްތައް ދަަސްކޮށް ދޭނެ އެވެ.
ޕޮލިސް މުވައްޒަފުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ ކޯހުގައި 35 ފުލުހަކާއި ގައުމީ ދިފާއީ ބާރުގެ ދެ މުވައްޒަފެއްގެ އިތުރުން އާންމު ފަރާތަކުން ވެސް ބައިވެރިވެފައިވެ އެވެ.