ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެކީގައި ބާއްވަން ޖެހޭ ގޮތަށް ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދިއުމާ ގުޅޭ ބިލު މަޖިލިހުގެ ދެ ވަނަ ދައުރަށް ހުށަހަޅުއްވަން ނިންމާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
އެ މަނިކުފާނުގެ "ރައްޔިތުންނާ އެކު" ޕޮޑްކާސްޓުގެ ހަ ވަނަ އެޕިސޯޑުގައި މިއަދު ވިދާޅުވީ ރާއްޖޭގައި ޑިމޮކްރަސީގެ އުސޫލުތައް ތަންފީޒު ކުރަން މަސައްކަތްކުރާ އިރު، ޑިމޮކްރަސީގެ ހަމަތަކާއި ރައްޔިތުންގެ ބާރުވެރިކަން ކަށަވަރު ކުރެއްވުމަކީ އެމަނިކުފާނު ވަރަށް ގަބޫލުފުޅު ކުރައްވާ ކަމެއް ކަަމަށެވެ.
ރައްޔިތުންގެ ބާރުވެރިކަމާއި ގާނޫނީ ވެރިކަމާ އަދި ދެފުށް ފެންނަ ނިޒާމެއް ފުރިހަމަވާން ޖެހޭނެ ކަމަށާއި ރާއްޖެއަށް ޑިމޮކްރަސީ ތައާރަފުވެ މިއަދާ ހަމައަށް އައިއިރު، އަދިވެސް ވަރަށް ގިނަ ފިޔަވަޅުތަކެއް ކުރިއަށް އަޅަން ޖެހޭ ކަމަށް ވިދާޅުވި އެވެ.
ރައީސް ވިދާޅުވި ގޮތުގައި ރާއްޖޭގައި ބާއްވާ ބޮޑު ތިން އިންތިހާބުގެ ތެރެއިން ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިހުގެ އިންތިހާބާ ދެމެދު އޮންނަނީ ހަ މަސް ދުވަހުގެ މުއްދަތެއް ކަމަށެވެ. އެހެންވެ ރައްޔިތުންނަށް އެންމެ ރަނގަޅު ގޮތަކަށް ވާނީ އެ ދެ އިންތިހާބު އެކީގައި ބޭއްވުން ކަމަށް ވިދާޅުވި އެވެ.
"އެހެން ނަމަވެސް އެއީ ރައްޔިތުންގެ ފެންނަ، ނުފެންނަ ވޯޓެއް ވެސް ނަގަން ޖެހޭ ކަމެއް. އަޅުގަނޑު ވަކިގޮތެއް މިއަށް ނިންމައިގެނެއް ނިންމޭނެ ކަމެއް ވެސް ނޫން،" ރައީސް ވިދާޅުވި އެވެ. "އަދި ނުވެސް ނިންމާނަން، ނިންމެން އޮތަސް. އަޅުގަނޑު ބޭނުން ވަނީ ހަމަ ރައްޔިތުންގެ ކިބައިން އަހައިގެން ގޮތެއް ނިންމަން."
ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބާ އެކީގައި ބޭއްވުމުން ލިބޭނެ އެންމެ ބޮޑު ފައިދާ އަކީ 200 މިލިއަނެއްހާ ރުފިޔާ ސަލާމަތް ކުރެވުން ކަމަށެވެ. އަދި އެ ނޫން ގޮތްގޮތަށް ބެލި ނަމަވެސް ދެ އިންތިހާބުގައި އެކުގައި ބޭއްވުމަކީ ރާއްޖެއަށް އެންމެ އެކަށީގެންވާ ގޮތް ކަމަށް ވިދާޅުވި އެވެ.
"މިކަމުގައި ގާނޫނުތަކަށް ގެންނަން ޖެހޭ ބަދަލާއި ފެންނަ، ނުފެންނަ ވޯޓާއި އެ ފެނުމާ ބެހޭ ގާނޫނެއް ވެސް ފާސްކުރަން ޖެހޭ. މަޖިލިސް ހުޅުވި، ދެ ވަނަ ދައުރަކަށް ޖޫން މަހުގެ ތެރޭގައި މަޖިލިސް ހުޅުވިގެން ދިޔައިމަ، އެކަމާ ބެހޭ ބިލެއް ހުށަހެޅުމަށް މަސައްކަތްތަކެއް އެބަ ކުރެވޭ." ރައީސް ވިދާޅުވި އެވެ.