ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރަށް ހުށަހެޅުނު ކަންކަމުގެ ތެރެއިން 77 ޕަސެންޓު މަސައްކަތް ނިންމުމަށްފަހު މަޖިލިސް މިއަދު ޗުއްޓީ އަށް ހިނގައްޖެއްޖެ އެވެ.
މިއަދު ބޭއްވި ފުރަތަމަ ދައުރުގެ ފަހު ޖަލްސާ ނިންމަވާލައްވަމުން މަޖިލީހުގެ ރައީސް އަބްދުލްރަހީމް އަބްދުﷲ ވިދާޅުވީ ފުރަތަމަ ދައުރުގައި ބާއްވާފައިވަނީ ޖުމްލަ 32 ޖަލްސާ ކަމަށާއި މި ދައުރުގެ ތެރޭގައި ނުވަ ބިލެއްގެ މަސައްކަތް ނިންމާފައިވާ ކަމަށެވެ. އޭގެ ތެރެއިން ގިނަ ބިލުތަކަކީ މިދިޔަ އަހަރު މަޖިލީހަށް ހުށަހަޅައި ކޮމިޓީތަކުގައި ހުރި ބިލުތަކެވެ.
މިއަހަރު އަލަށް މަޖިލީހަށް ހުށަހަޅާފައިވަނީ ނުވަ ބިލެވެ.
"ރައްޔިތުންގެ މަޖިލީހަށް ހުށަހެޅިފައި އޮތް ޖުމްލަ %77 މަސައްކަތް މި ދައުރުގައި މި ވަނީ ނިމިފައި،" އަބްދުއްރަހީމް ވިދާޅުވި އެވެ.
މަޖިލީހުގެ ގަވާއިދުގައި މިހާރު އޮންނަ ގޮތުން އަހަރުގެ ފުރަތަމަ ދައުރުގެ ޖަލްސާތައް ކުރިއަށްދާނީ ފެބްރުއަރީ 1 އިން ދުވަހުން ފެށިގެން މެއި 15 އަށެވެ. އަދި ދެވަނަ ދައުރު ޖޫން 1 އޮގަސްޓުގެ ނިޔަލަށް ކުރިއަށްދާ އިރު ތިންވަނަ ދައުރު ކުރިއަށް ދާނީ އޮކްޓޯބަރު 1 ނޮވެމްބަރު މަހުގެ ނިޔަލަށެވެ.