ގޭންގުތަކުން ހިންގާ ކުށްތައް ހުއްޓުވުމުގެ މަގުސަަދުގައި ހުށަހަޅާފައިވާ ބިލް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި އެވެ.
ސަރުކާރުގެ ފަރާތުން މި ބިލް މަޖިލީހަށް ހުށަހެޅުއްވީ މައްޗަންގޮޅި ދެކުނު ދާއިރާގެ މެންބަރު މުސްތަފާ ހުސައިން އެވެ. މި ބިލް ފާސްވެފައި ވަނީ 55 މެމްބަރުންގެ ވޯޓުންނެވެ. ވަކިކޮޅަކަށް ނުފެންނަކަމަށް 11 މެމްބަރުން ވޯޓު ދެއްވާފައިވެ އެވެ.
އެ ބިލުގައި ވަނީ އިންތިޒާމުވެފައިވާ ކުށެއް ކުރާ ގްރޫޕެއް އުފެއްދުމާއި ހިންގުން ކުށަކަށްވާނެ ކަމަށް ކަނޑައަޅައިފަ އެވެ. އަދި އެފަދަ ގްރޫޕެއް އުފައްދައިފި ނަމަ ނުވަތަ ހިންގައިފިނަމަ 25 އަހަރުގެ ޖަލު ހުކުމަކާއެކު 200،000ރ. އާއި 10 މިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެއެވެ. މީގެ އިތުރުން އެފަދަ ކުށެއް ކުރަން އުޅެފިނަމަ ނުވަތަ އެހީތެރިވެއްޖެނަ މަ 18 އަހަރުގެ ޖަލު ހުކުމަކާއެކު 100،000ރ. ރުފިޔާ އާއި 5 މިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެ އެވެ.
އިންތިޒާމުވެފައިވާ ކުށް ކުރާ ގްރޫޕަކަށް މީހުން ހޯދުމަކީ ކުށެއްގެ ގޮތުގައި ހިމަނާފައިވެ އެވެ. އެ ކުށަށް އަރައިގެންފި މީހަކު، އެ ކުށުގެ ސަބަބުން ކުޑަކުއްޖަކު ޝިކާރައަކަށްވެއްޖެ ނަމަ 25 އަހަރުގެ ޖަލު ހުކުމަކާއެކު 200،000ރ. އާއި 10 މިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެއެވެ. އަދި ކުޑަކުއްޖަކު ނޫން މީހަކު ރެކްރޫޓް ކުރަން އުޅެފިނަމަ އަދަބަކީ 20 އަހަރުގެ ޖަލު ހުކުމަކާއެކު 100،000ރ. އާއި 7 މިލިޔަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމެވެ.
ހަމައެހެންމެ ރެކްރޫޓް ކުރުމުގައި ގްރޫޕުތަކަށް އެހީވާ ފަރާތްތަކާއި އިންތިޒާމުވެފައިވާ ކުށްކުރާ ގްރޫޕެއްގައި ބައިވެރިވާ ފަރާތްތަކާއި ކުށް ކުރުމަށް އަމިއްލަ ތަންތަން ބޭނުންކުރުމާއި ހެކިބަސްދޭ ފަރާތްތަކަށް ބިރުދައްކާ ފަރާތްތަކަށްވެސް ޖަލު ހުކުމާއެކު ބޮޑެތި އަދަދުތަކުން ޖޫރިމަނާ ކުރުމަށް ބިލުގައި ވަނީ ހިމަނައިފަ އެވެ.
އިންތިޒާމުވެފައިވާ ކުށެއް ކުރުމުގައި ޤާނޫނީ ޝަހުސެއް ނުވަތަ އެ ޝަހުސެއްގެ މަސްއޫލުވެރި ފަރާތެއް ބައިވެރިވެއްޖެ ނަމަ އެ ޝަހުސެއް އުވާލުމާއެކު އެކުށެއް ކުރި މީހަކު 100،000ރ. އާއި 100 މިލިޔަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމަށް ވެސް ބިލުގައި ހިމަނާފައިވެ އެވެ.