Last Updated: May 15, 23:11
Thursday, May 15, 2025
ޚަބަރު

ސިފައިންގެ މަސައްކަތްތަކުން ރައްޔިތުންނަށް އޮންނަ ލޯބި ހާމަވޭ

ސިފައިންނާ ހަވާލުކުރާ ކޮންމެ މަސައްކަތަކުން ވެސް ހާމަކޮށްދެނީ ދިވެހި ރައްޔިތުންނަށްޓަކައި ސިފައިންގެ ހިތުގައި އޮންނަ ލޯބި ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

މޯލްޑިވްސް ބްލަޑް ސާވިސަސް، "އޮރެންޖު ހިޔާ" އިމާރާތަށް ބަދަލުކުރުމުގެ މަސައްކަތް ކުރި ސިފައިންނާ ބައްދަލުކުރައްވާ ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ދިވެހި ސިފައިންނަކީ، ގައުމު އެދި ގޮވާލާ ކޮންމެ ކަމެއްގައި، ފަސްޖެހުމެއްނެތި، ހުޝިޔާރުކަމާއި، ޝައުޤުވެރިކަމާ އެކީގައި މަސައްކަތްކުރާ ބައެއްކަމާއި، ސިފައިންނާ ހަވާލުކުރާ ކޮންމެ މަސައްކަތަކުން ވެސް ހާމަކޮށްދެނީ ދިވެހި ރައްޔިތުންނަށްޓަކައި ސިފައިންގެ ހިތުގައި އޮންނަ ލޯބި ކަމަށެވެ.

އޮރެންޖު ހިޔާގައި ތެލެސީމިއާ ސެންޓަރު ގާއިމުކުރުމުގެ މަސައްކަތަކީ ސަރުކާރުގެ ސިޔާސަތުގެ ތެރެއިން ކަނޑައެޅިގެން ދިޔަ ކަމެއް ކަމާއި، އެހެންނަމަވެސް އެކަން އެކި ސަބަބުތަކާ ހެދި، ނުކުރެވި އޮއްވައި، ސިފައިންނާ އެ މަސައްކަތް ހަވާލުކުރެއްވީ ތެލެސީމިއާ ކުދިން އުޅޭ ސީރިއަސް ހާލަތު އެނގިވަޑައިގެން، އެފަރާތްތަކަށް ވީހާވެސް އަވަހަކަށް، ވީހާވެސް ފުރިހަމަކަމާ އެކު އޮރެންޖު ހިޔާގައި މޯލްޑިވްސް ބްލަޑް ސާވިސަސް ގާއިމްކުރެއްވުމުގެ ބޭނުމުގައި ކަމަށް ރައީސް ވިދާޅުވި އެވެ.

އަދި ސިފައިންނާ ހަވާލުކުރި މަސައްކަތުގައި ސިފައިންގެ އެންމެ މަތީ ލެވެލުން ފެށިގެން ހުރިހާ ލެވެލެއްގައި ބައިވެރިވުން ފެނިގެން ދިޔަކަމާއި، އެތަން ނިންމާލާފައިވަނީ ވަރަށް ފުރިހަމަކަމާ އެކުކަން ފާހަގަކުރައްވައި ޝުކުރު އަދާކުރެއްވި އެވެ.

މި ރަސްމިއްޔާތުގައި، ރައީސް ވަނީ މޯލްޑިވްސް ބްލަޑް ސާވިސަސް "އޮރެންޖު ހިޔާ" އިމާރާތަށް ބަދަލުކުރުމުގެ މަސައްކަތް ސިފައިން ކޮށްދެއްވާފައިވާތީ، އެކަމުގެ އަގުވަޒަންކޮށް ހަނދާނީ ފިލައެއް ދިވެހި ސިފައިންނަށް އަރުވާފަ އެވެ. އެމްއެންޑީއެފްގެ ފަރާތުން މި ފިލައާ ހަވާލުވެ ވަޑައިގެންނެވީ ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އިބްރާހީމް ޙިލް މީއެވެ. އަދި، މި މަސައްކަތުގައި ހަރަކާތްތެރިވި ސިފައިންނަށް ރައީސް ވަނީ އަގުވަޒަންކުރުމުގެ ލިޔުން ވަކިވަކިން ދެއްވާފަ އެވެ.